މަސައްކަތް ނުކޮށް ހަޅުތާލުކުރާ ކަމަށްވާނަމަ މުސާރަ ކަނޑާނެ ކަމުގެ އިންޒާރު ދެއްވައިފި
މަސައްކަތް ނުކޮށް ހަޅުތާލުކުރާ ކަމަށްވާނަމަ މުސާރަ ކަނޑާނެ ކަމުގެ އިންޒާރު ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ދެއްވައިފިއެވެ.
މިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލައި، 75 ވަރަކަށް މުވައްޒަފުން ސަރުކާރުގެ އެހެން އޮފީސްތަކަށް ބަދަލު ކުރެއްވުމަށް ސަރުކާރުންވަނީ ނިންމަވާ ފައެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބައެއް މުވައްޒަފުންވަނީ މިއަދު މަސައްކަތް ހުއްޓާލައިފިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު ހުޅުވައިދެއްވަމުން ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހަޅުތާލުކޮށްގެންނާއި މުޒާހަރާ ކޮށްގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ކަނޑާލާ މީހުންނަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށް ކުރިންވެސް ވިދާޅުވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އެހެން އޮފީސްތަކުން އެމީހުންނަށް ވަޒީފާ ހަމަޖެހެންދެން ފިނޭންސް މިނިސްޓްރީއަށް ވަޒީފާއަށް ނުކުންނަވަމުން ގެންދެވުމަށް މިރޭވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"މަސައްކަތް ނުކުރައްވައި ހަޅުތާ ހަޅުތާލު ކުރާ ކަމަށް ވަންޏާ މުސާރައިންވެސް ކެނޑޭނެ. އަދި އެހެން ކަންތައްތައްވެސްވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން އުޅެންވާނެ އޮފީސްތައް އެނގިވަޑައި ގަންނަވާނީ ސަރުކާރަށް ކަމަށެވެ. އެމީހެއްގެ ފަންނުވެރިކަމާއި، ތަޖުރިބާއާއި، ތަޢުލީމަށް ބެއްލެވުމަށްފަހު އެމީހަކާ އެކަށީގެންވާ އޮފީހަކަށް އެމީހަކު ވެއްދުމަކީ ސަރުކާރުގެ ކަމެއް ކަަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް މުވައްޒަފަކު އަޅުގަނޑު ކައިރީ ބުނެގެން ނުވާނެ ތިމަންނަ އުޅޭނީ މިވެނި އޮފީހެއްގައޭ. އެއީ ބުނެވޭނެ ވާހަކައެއްނޫން.،" ރައީސް ވިދާޅުވިއެވެ.
އެމީހަކު މަސައްކަތްކުރާނީ "އިކޮނޮމިކް މިނިސްޓްރީގައިތޯ، އެ މީހަކު އުޅޭނީ ރައީސް އޮފީހުގައިތޯ ވަކި މީހަކު އުޅޭނީ، ހައުސިން މިނިސްޓްރީގައިތޯ ނިންމާނީ ސަރުކާރުން،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު