ޑެންމާކުން ގަަމަށް ޗާޓަރ ދަތުރުތައް ފަށައިފި
ޑެންމާކުގެ ޗާޓަރ ފުލައިޓެއް އައްޑޫ ސިޓީ ގަމަށް މިއަދު އަތުވެއްޖެއެވެ.
މިއީ އައްޑޫ ކެނަރީފް ރިސޯޓް މޯލްޑިވްސް އަށް ޓޫރިސްޓުން ގޮވައިގެން އައި ބޯޓެކެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އައި މި ބޯޓުން 150 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
ޑެންމާކުން ގަމަށް މިއަދު ފެށި ޗާޓަރު ދަތުރުތަކަކީ އެގައުމުގެ ކޯޕަންހޭގަން ސިޓީ އާއި ބިލުންޑް ސިޓީން ކެނަރީފް ރިސޯޓަށް އަންނަ ފަތުރުވެރިން އުފުލުމަށް ފެށި ދަތުރުތަކެކެވެ.
މިއީ ސްޕްލެންޑިޑް އޭޝިއާ އާއި ޑެންމާކުގެ ޕްރިމޯ ޓުއރޒް އާއި ކެނަރީފް ގުޅިގެން ބާއްވާ ދަތުރުތަކެކެވެ. މިދަތުރުތައް އަންނަ އަހަރުވެސް ކުރިއަށް ގެންދާނެ ކަމަށް ކެނަރީފުންވަނީ ބުނެފައެވެ. އެ ދަތުރުތައް ކުރާނީ މުޅި އަހަރަށް ބަހައިލައިގެންނެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން އެޕްރީލް މަހުގެ ފަހުކޮޅާ ހަމައަށް ވަނީ މިފަދަ ދަތުރުތައް ގަމަށް ބާއްވައިފިއެވެ.
މިއަދު ގަމައަށް އައި ބޯޓުން އައި ފަސިންޖަރުންނަށް މަރުހަބާ ދެންނެވުމަށް ކެނަރީފް ރިސޯޓުގެ ގިނަ މުވައްޒަފުންތަކެއް ވަނީ ހަރަކާތްތެރި ވެފައެވެ. މި ދަތުރުތަކުގެ ސަބަބުން އެރިސޯޓުގެ އޮކިޔުޕަންސީ ރަނގަޅުވާނެ ކަމަށް ކެނަރީފުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު