އައްޑުއާއި ފުވައްމުލަކަށް ފެރީގެ ދަތުރު އަލުން ފަށައިފި

image އައްޑުއާއި ފުވައްމުލަކުގެ ފެރީގެ ޚިދުމަތް މިނިސްޓަރ ސައީދު، ފަށްޓަވައި ދެއްވަނީ

އައްޑޫ ސިޓީއާއި ފުވައްމުލަކާ ދެމެދު ކުރަމުންދިޔަ ފެރީދަތުރުތައް ގިނަދުވަސް ތަކަށް މެދު ކެނޑުމަށްފަހު މިއަދު އަލުން ފަށައިފިއެވެ.

އައްޑުއާއި ފުވައްމުލަކަށް މިޚިދުމަތް މިފަހަރު ދޭން ފަށައިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެޕްޕީއެލް) އިންނެވެ. ފޭދޫ ބަނދަރު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

މި ޚިދުމަތް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ސަޢީދުވަނީ ފޭދޫން، ފުވައްމުލަކަށް އަދި ފުވައްމުލަކުން ހުޅުދުއަށް ދަތުރެއް ކުރައްވާފައެވެ. މިދަތުރު ކުރެއްވީ ލޯންޗުގައެވެ.

މިނިސްޓަރ ވިދާޅުވީ މިޚިދުމަތް އެމްޕީއެލްއިން ދޭންފެށުމުން އައްޑުއާއި ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ލުއިފަސޭހަކަމާއި ތަރައްގީގެ މަންފާވެސް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އައްޑުއާއި، ފުވައްމުލަކުގެ ތަރައްޤީއަށް ސަރުކާރުން ވަރަށްގިނަ ކަންކަން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެން ނަަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

މި ޚިދުމަތް ފެށުމަށް އެމްޕީއެލްއިން ވަނީ 4 ލޯންޗާއި އެއް ދޯނި ގެނެސްފައެވެ. އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދަތުރުފަތުގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް އެކުންފުނިން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްޑުއާއި ފުވައްމުލަކާ ދެމެދު ދަތުރު ކުރާނީ 30 މީހުންގެ ޖާގައިގެ ތިން ލޯންޗާއި، 18 މީހުންގެ ޖާގައިގެ ލޯންޗަކާއި، 150 މީހުންގެ ޖާގައިގެ ފައިބަރު ދޯންޏެކެވެ. އައްޑޫން މުލަކަށް ދަތުރު ކުރެވޭނީ ކޮޅަކަށް 290 ރުފިޔާ ދީގެންނެވެ. އެއީ ލޯންޗުގައެވެ.

އައްޑުއާއި ފުވައްމުލަކާ ދެމެދު ހަފުތާއަކު 3 ދުވަހު ދަތުރު އޮންނާނެއެވެ. އެއީ ހޮނިހިރު، ހޯމަ، ބުރާސްފަތި މި ތިންދުވަހެވެ. އެހެންނަމަވެސް ކޮންމެދުވަހަކުވެސް ފައިބަރު ދޯނި ފޭދުއާއި ހުޅުމީދުދާ ދެމެދު ދަތުރުކުރާނެއެވެ. މީހެއްގެ އަތުން އެދޯނިން ނަގާނީ ކޮޅަކަށް 25 ރުފިޔާއެވެ. ލޯންޗުން ނެގުމަށް ހަމަޖެހިފައިވަނީ ކޮޅަކަށް 55 ރުފިޔާއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ޑިމާންޑު އިތުރުވާ ވަރަކުން ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ. މިއަދު ފެށިދަތުރުތައް ހުއްޓުނަ ނުދީ ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް