ސްކޮލާޝިޕް ލިމިޓް ނުކުރަން އެމްޑީޕީން ގޮވާލައިފި

image

އޭލެވެލް އިމްތިހާނުގައި އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިމިޓް ނުކުރުމަށް ސަރުކާރަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެކަމަށް ކުރަމުންދާ މަޝްވަރާތައްވެސް "މިހާރުން މިހާރަށް" ހުއްޓާލުމަށެވެ.

ތައުލީމީ ފުރުސަތު ވީހާވެސް ބޮޑަށް ޒުވާނުންނަށް ހުޅުވިފައި އޮތުމަކީ ރާއްޖޭގެ މުސްތަގުބަލް ދެމެހެއްޓެނިވި ގޮތަކަށް ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަ ކުރާ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމުގެ ފުރުސަތު ލިބެނީ އެންމެ %6 ދަރިވަރުންނަށް ކަމަށް ވަރލްޑް ބޭންކުގެ ދިރާސާއަކާ ހަވާލާދީ އެމްޑީޕީން ބުނެފައިވެއެވެ. ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްއިރު މަތީ ތައުލޫމް ހާސިލް ކުރުމަށް އެހާ މަދު ކުދިންނަށް ފުރުސަތު ލިބުމަކީވެސް ކަންބޮޑުވާ ކަމެއް ކަަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މިއީ ޒަމާނުއްސުރެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްތަކެއް ކަމަށްވާއިރު އެ އަދަދު ލިމިޓް ކުރުމަކީ އުގެނުމުގެ ފުރުސަތު ލިބޭ ކުދިންގެ އަދަދު ވަރަށް މަދުވާނެ ކަމެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ސްކޮލަރޝިޕްގެ ލިމިޓް ކުރުމުން މުއްސަދިންގެ ގާތަށް ސަލާން ޖަހަންދާން އަލުން ޖެހިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ތައުލީމީ ދާއިރާގެ ސިޔާސަތަކީ ދުވާލަކު އެއްފަހަރު ބަދަލު ކުރާ އެއްޗަކަށް ވެގެން ނުވާނެ" ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. " ތައުލީމާ އަދި ޒުވާނުންނާ ގުޅޭ ސިޔާސަތުތަކަކީ އެކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ދުރުރާސްތާއަށް ޕްލޭން ކުރެވިގެން ތަންފީޒުކުރަންޖެހޭނެ ސިޔާސަތުތަކެކެވެ."

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ރައީސްގެ ސްކޮލަޝިޕްތައް ލިމިޓް ނުކުރައްވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ހާމަވެފައިވާ ލިޔުމަކީ އޮޅުމަކުން މިނިސްޓްރީގެ ޑިޕާޓުމެންޓެއްގެ ވެބްސައިޓަށް އަޕްލޯޑު ކުރެވުނު ލިޔުމެއް ކަމަށެވެ. ޑރ. ނަޒީރު ވިދާޅުވީ އެލިޔުމަކީ 2010 ވަނަ އަހަރުން ފެށިގެން ތަޢާރަފް ކޮށްފައިވާ "އޭ ސްޓަރ" ގިންތިއަށް ރައީސްގެ ސްކޮލަރޝިޕް ފެއްތުމަށް ތައްޔާރު ކޮށްފައިވާ ކަރުދާހެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް