ގާފަރު ބަނދަރު ހަދަން ހެވީފޯސްއާ ހަވާލުކޮށްފި

image ގާފަރު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު: ފޮޓޯ: ޕީ.އެސް.އެމް ނިއުސް

މާލެ އަތޮޅު ގާފަރުގައި އަލަށް ހަދަން ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

ހެވީފޯސްއާ މި މަސައްކަތް ހަވާލު ކުރެއްވީ 43 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދާ މިމަޝްރޫއު ނިންމަން އެއްބަސްވެފައިވަނީ 300 ދުވަސް ތެރޭގައެވެ.

އެރަށުގައި ހަދަނީ 1000 ފޫޓް ދިގު، 300 ފޫޓް ފުޅާ ބަނދަރެއް ކަމަށް ހައުސިން މިނިސްޓްރީންވަނީ ބުނެފައެވެ. މި ބަދަނރު ނިމޭއިރު މެދު ދިޔައިގައި ފުންމިނުގައި 3 މީޓަރު ހުންނާނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ކަންކަމަކީ އެރަށުގައި މިހާރުއޮތް ބަނދަރު ސަރަހައްދު ހިއްކުމާއި، މިހާރު ހަދާފައިވާ އެންޓްރެންސް ޗެނަލް ފުޅާކޮށް ފުންކުރުމާއި، 361 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުން ހިމެނެއެވެ. އަދި 108 މީޓަރުގެ ބޮޑުހިލައިގެ ކަނޑުތޮއްޓެއް ލުމާއި، 450 މީޓަރުގެ ކީވޯލެއް ލުމާއި، ބަނދަރާއި އިންވެގެން 5 މީޓަރު ފުޅާމިނުގެ ދުވާރެއްހަދައި 20 މީޓަރުގެ ދުރުމިނުން ބަނދަރު ސަރަޙައްދުގައި މަގުބައްތި ޖެހުމަށްވެސް ހިމެނެއެވެ. ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. ހެވީފޯސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ގާފަރުގައި ހަދަން ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ބަނދަރެއް ކަމަށެވެ. ބަނދަރު ނިމުމުން އެރަށުގެ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަަށްވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން އިގްތިސާދީ ފައިދާވެސް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގާފަރު ކައުންސިލުގެ ރައީސް އާދަމް ޒާހިދާއި، ހައުސިން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޒާހިދު ވިދާޅުވީ މިހާރު ބޭނުންކުރާ ބަނދަރު ހަލާކުވެފައި އޮތުމުން މަސްވެރިންނާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

މި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައިވެއެވެ. އީއައިއޭގެ މަސައްކަތްވެސް އަންނަ ހަފްތާގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް