ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ބޮޑު ކާމިޔާބެއް ހޯދި: ތާރިގު

image މިނިސްޓަރ އިބްރާހީމް ތާރިގު

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި މޫސުމާ ބެހޭ ބައްދުލުވުމުގައި ދުނިޔޭގެ ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއަށް ބޮޑު ކާމިޔާބެއް ލިބުނު ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ސަމިޓަށްފަހު ރާއްޖެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވީ ރާއްޖެއިން ވަކާލާތު ކޮށްގެންވަނީ "ޕެރިސް އެގްރިމެންޓް" ގައި ކުދި ޤައުމުތަކަށް ޚާއްސަ ސަމާލުކަމެއް ދީފައި ކަމަށެވެ.

ކޮޕް 21 ވަނަ ސަމިޓުގައި 200 އަށް ވުރެ ގިނަ ގައުމު ތަމްސީލުކޮށްފައިވެއެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ސަމިޓްގައިވަނީ އެއްބަސްވުމެއް އެކުލަވާ ލައިފައެވެ. އެއްބަސްވުން އެކުލަވާ ލުމަށްފަހު ބައިވެރިންވަނީ އޭގައި ސޮއިވެސް ކުރައްވާފައެވެ. ސޮއި ކުރުމަށްފަހު ތިމާވެއްޓާބެހޭ ޔޫނިއަންގެ އިސްވެރިން ވަނީ ސަމިޓުގައި ތަގުރީރު ކުރައްވާފައެވެ. އަދި ގައުމު ތަކުންވެސްވަނީ ތަގުރީރު ކުރައްވާފައެވެ.

ދުނިޔެ ހޫނުވަމުން އަންނަ މިންވަރު 2050 ވަނަ އަހަރާއި ހަމައަށް، ދެ ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ހިފެހެއްޓުމަށް މިސަމިޓުގައި ގައުމުތަކުންވަނީ އެއްބަސްވެފައެވެ. ރާއްޖެއިން ވަކާލާތު ކޮށްފައިވަނީ ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށެވެ. މި އެއްބަސްވުމުގައި އެކަމަށްވެސް ވަނީ ރިއާޔަތް ކޮށްފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ބޮޑެތި ގެއްލުންތަކަށް ފައިސާގެ އެހީ ދިނުމަށްވެސް މި ސަމިޓުގައިވަނީ ނިންމައިފައެވެ. އެ ނިންމުުގެ ސަބަބުން 2021 ވަނަ އަހަރުން ފެށިގެން ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ ލިބިގެންދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް