ޚާއްސަ އެހީއަށް ބޭނުންވާ ދިހަ މީހަކަށް ވަޒީފާ ދީފި

image ވަޒީފާގެ ލިޔުން ހަވާލު ކުރެވުނު މީހުންނާ އެކު ރައީސްގެ އަނބިކަންބަލުން ފާތިމަތު އިބްރާހީމް: ފޮޓޯ ރައީސް އޮފީސް

ޚާއްސަ އެހީއަށް ބޭނުންވާ 10 މީހަކަށް ވަޒީފާ ހަމަ ޖައްސަވައި އެމީހުންނަށް ވަޒީފާގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމީހުންނާ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

މިއީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދި ސަދަޤާތު ފައުންޑޭޝަނުން އިސްނަގައިގެން، އާސަންދަ ކުންފުންޏާއި އެންސްޕާ ގުޅިގެން ހަމަޖައްސައިދިން ފުރުސަތު ތަކެކެވެ. ދި ސަދަޤާތު ފައުންޑޭޝަނަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް ފާތިމަތު އިބްރާހީމް އުފެއްދި ފައުންޑޭޝަނެކެވެ.

އެ މީހުންނާ ވަޒީފާގެ ލިޔުން ހަވާލު ކުރުމަށް މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވިދާޅުވީ ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އިންޓަވިއު އަށްފަހު ވަޒީފާ ހަމަޖެހުނު މީހުން ކަމަށެވެ.

އާސަންދަ ކުންފުނިން ވަޒީފާ ހަމަޖެހުނު މީހުންގެ ތެރޭގައި ލޯފަން މީހުންނާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ މީހުންވެސް ހިމެނެއެވެ. އެމީހުންގެ މުސާރައާއި މަސައްކަތްވެސް އާދައިގެ މީހުންނާ އެއްހަމައެއްގައި ހިފަހައްޓާނެ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންސްޕާގެ ސީ.އީ.އޯ މުޖުތަބާ ޖަލީލާއި، އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މައުމޫން ޢަބްދުއްޞަމަދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް