ސަރުކާރު މިއަދު އޮތީ ރައްޔިތުން ހޮވި އުސޫލުތަކާ ޚިލާފަށް: ޑރ. ޖަމީލް

image ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް: ފޮޓޯ ހަވީރު

ރާއްޖޭގައި މިހާރުއޮތް ސަރުކާރު އޮތީ ރައްޔިތުން ހޮވި އުސޫލުތަކާ ޚިލާފަށް ކަމަށް މިސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅު ވެއްޖެއެވެ.

އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޖަމީލް މިހެން ވިދާޅުވީ ސްކައިޕް މެދުވެރި ކޮށް ރާއްޖެ ޓީވީއަށް ރޭ ދެއްވި ބަސްދީ ގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެއީ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫނެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ވާހަކަ ރައީސް ޔާމީން މިހާރު ދައްކަވާއިރު ކުރީގެ ނާއިބުރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބަށް ރައީސް ޔާމީން ވަނީ "މިނިވަން އަތެއް" ދެއްވާފައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ރައީސް ޔާމީންގެ ސަމާލު ކަމަށް ގެންނެވިއެވެ. އެހެންނަމަވެސް ކުރެއްވިހާ ކަމަކީ ޤާނޫނު ބަދަލު ކުރެއްވުމަށްފަހު ނިޔާޒު އިބްރާހީން މަގާމުން ވަކި ކުރެއްވީ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީއަށް އޭރުލިބުނު ފައިސާ ޚަރަދު ކުރެއްވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ އިތުރަށް އެސްޓީއޯއާއި ސްޓެލްކޯގައިވެސް ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ފައިދާވީ ދިވެހިރައްޔިތުންނަށް ނޫންކަމަށްވެސް ވިދާޅުވިއެވެ. "ފައިދާ މިވަނީ އެމަނިކުފާނުގެ އާއިލާއަށް" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިގައި ގައުމުޖެހި ހަލާކުވަމުންދާ ކަމުގެ ވާހަކަ ނާއިބު ރައީސަކަށް ހުންނެވިއިރު ރައީސް ޔާމީނަށް ދެންނެވި ކަމަށެވެ. ކޮރަޕްޝަންގެ ތެރޭގައި ސަރުކާރު އޮވެގެން ރާއްޖެއަށް އިގުތިސާދީ ފައިދާއެއް ނުލިބޭނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބީލަންތައް ކާމިޔާބު ކުރުމަށް ދަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަރިހަށް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އޭގެ ބަދަލު ގައި އެކަމަނާގެ އެކައުންޓަށް ފައިސާ ވަދެފައިވާ ކަމުގެ ތުހުމަތުވެސް ޑރ. ޖަމީލް ކުރެއްވިއެވެ.

މިކަންކަމަކީ ރައްޔިތުން މިސަރުކާރު ހޮވި އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް