ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފް ކުރައްވަނީ

image

ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން މިކަން ހާމަކޮށްފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން މޫކައި ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޤާނޫނީ ވަކީލް އަލްއުސްތާޒާ ޙިސާން ޙުސައިން ވިދާޅުވީ މި މައްސަލަ އިސްތިއުނާފް ކުރައްވަން ރައީސް ނަޝީދު ނިންމެވީ ރައީސް ޢަބްދުﷲ ޔާމީންގެ ގޮތްދޫ ނުކުރެއްވުމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރެއްވުމަށް ކަމަށެވެ.

ޙިސާން ވިދާޅުވީ ރައީސް ޔާމީން ގޮތް ދޫނުކުރެއްވިޔަސް ރައީސް ނަޝީދަކީ ގޮތް ދޫނުކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އެ މަނިކުފާނު ކުރިން ބޭނުންފުޅުވީ ސިޔާސީ ޙައްލެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ބޭނުންފުޅުވަނީ އިންސާފުވެރި ޝަރީޢަތެއް ކަމަށްވެސް ޙިސާން ވިދާޅުވިއެވެ. އަދި އަލަށް ތަޢާރަފް ކޮށްފައިވާ ޤާނޫނުލް ޢުޤޫބާތަށް ރިޢާޔަތް ކުރެއްވުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ސްޕްރީމްކޯޓުގައި އިސްތިއުނާފް ކުރައްވަނީ ހައިކޯޓު މަރުހަލާ "ބައިޕާސް" ކުރެއްވުމަށްފަހުއެވެ. އެ މައްސަލަ ސީދާ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރާ ސަބަބެއް ކަމަށް ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބެއްލެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ސުޖާޢު ޢުސްމާނާއި ފަނޑިޔާރު ޢަބްދުﷲ ދީދީ ހައިކޯޓުގެ ބެންޗުގައި ތިއްބަވާތީ ކަމަށެވެ.

ރައީސް ނަޝީދުގެ ވަކީލުބްގެ ޓީމުން ފެށުނީއްސުރެން ވިދާޅުވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުން ރައީސް ނަޝީދާ ދެކޮޅަށް ނިންމާފައިވާ ޝަރިޢަތަކީ އިންސާފުވެރި ޝަރީޢަތެއް ނޫން ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ބައިނަލް އަޤުވާމީ ފަރާތްތަކުންވެސް ވަނީ ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ. އެހެންނަމަވެސް ސަރުކާރުން އަންގަވާފައިވަނީ ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމަށެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައި ގަންނަވާ އަލްއުސްތާޒު ޙަސަން ލަޠީފް ވިދާޅުވީ ރައީސް ނަޝީދު މިގޮތަށް ނިންމެވީ "ވަރަށް ބޮޑަށް ވަރަށް ގިނަ ދުވަސް ވަންދެން ވިސްނަވާފައި،" ކަަމަށެވެ. ސްޕްރޯމް ކޯޓު މަރުޙަލާއިން ރައީސް ނަޝީދަށް ފުރިހަމަ އިންސާފެއް ލިބިވަޑައި ގަންނަވާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމަށްވެސް ޙަސަލް ލަޠީފު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް