ބޮޑު ތަކުރުފާނުގެ ނަމޫނާއިން އިބްރަތް ހާސިލް ކުރުމަށް ގޮވާލައްވައިފި
ރާއްޖޭގެ ގައުމީ ދުވަހުގެ ބަތަލް އައްސުލްތާނުލް އާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) އާއި އެމަނިކުފާނުގެ އަރިހުގައި ޖިހާދު ކުރެއްވި ބޭފުޅުން ދެއްކެވި ފުރިހަމަ ނަމޫނާއިިން އިބްރަތް ލިބިގަތުމަށް ދިވެހި ޒުވާނުންނަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދު ގައްޔޫމް މިއަދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންދާ ގައުމީ ދުވަހާ ގުޅިގެން ދެއްވި ކުރު ހިތާބުގައެވެ.އެމަނުކުފާނު ވިދާޅުވެފައިވަނީ ބޮޑުތަކުރުފާނުގެ ޖިހާދު ހަނދާންތައް އާކުރަން ޖެހޭކަމަށެވެ. ބޮޑު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިންނަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތް ކުރެއްވި ބަތަލުން ކަމަށެވެ. އެ މީހުންގެ އަތުން ގައުމު ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު އިސްވެ ހުންނަވައި ކުރެއްވި ޖިހާދަކީ، ބިރުވެރިކަމާއި މުސީބާތާއި ދަތި އުނދަގޫ ޖިހާދެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ބޮޑުތަކުރުފާނުގެ ޖިހާދުގައި ކުރިމަތިވި ދަތިއުނދަގޫ ތާކާއެކުވެސް "ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރެއް ކުރިއަށް ނެރެފިނަމަ، އަޅުވެތިކަން މިނިވަންކަމަށް ބަދަލުކުރެވޭނެކަން" އެޖިހާދުން ސާބިތުކޮށްދެއްވި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
"އެހެންކަމުން، ބޮޑުތަކުރުފާނާއި، އެ ތަކުރުފާނާއެކު އެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުން އެ ދެއްކެވި ފުރިހަމަ ކެރިވަޑައިގަތުމާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ނަމޫނާއިން އަޅުގަނޑުމެންގެ މިއަދުގެ ޒުވާން ޖީލު ޢިބްރަތް ހާސިލް ކުރުމަށް އަޅުގަނޑު ގޮވާލަމެވެ." ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އަޒުމު އާކުރެއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު