ޓޫރިޒަމް ބޮއިކޮޓް ކުރުން މަނާކުރާ ބިލް ތަސްދީގު ނުކޮށް މަޖިލީހަށް

image ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ :ފޮޓޯ-ރައީސް އޮފީސް

"ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމަށް ފިޔަވަޅުއެޅުމަށް ގޮވާލުން މަނާކުރާ ބިލު" ތަސްދީގު ނުކުރައްވައި އެބިލާ މެދު އަލުން ވިސްނަވާ ވަޑައިގެން ދެއްވުން އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެބިލް އަނބުރާ މަޖިލީހަށް ފޮނުވައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ ހުސްވި ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާއިންނެވެ.އެ ބިލާ ބެހޭ ގޮތުން އަލުން ވިސްނަވާ ވަޑައިގެން ދެއްވުންއެދި ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި، ވަނީ އެ ބިލާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ މައްސަލަތަކަށް ތަފްސީލުކޮށް ބައްލަވާފައެވެ.

އެގޮތުން ރައީސްގެ ސިޓީގައި ފާހަގަ ކުރައްވާފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި، ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން، ފަދަ އެންމެހައި މަސައްކަތްތައް ހިމެނިފައިވާތީ، އެ ބިލުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އަސާސީ ޙައްޤުތައް ވަރަށް ފުޅާކޮށް ހިފެހެއްޓިފައިވާކަމެވެ.

އެހެންކަމުން މި މައްސަލަތަކަށް ރިއާޔަތް ކުރައްވައި، މިބިލަށް އިސްލާހު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް ޔާމީން ވަނީ މިއަހަރު ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ބިލު، މިއަދު ތަސްދީގު ކުރައްވާފައެވެ. މި ބިލް ތަސްދީގު ކުރެއްވުމުން މިހާރުވަނީ ގެޒެޓުގައިވެސް ޝާއިއު ކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް