މަސްތުވާ ތަކެއްޗާއެކު ހިތަދޫން މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓާއެކު މީހަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރު ކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 11.20 ގައެވެ. ހިތަދޫ މަގުމަތިން އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެންނެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކުގެ ތެރެއިން އެއް ޕެކެޓް ފެނިފައިވަނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރަން އުޅުމުން ބިން މައްޗަށް ވައްޓާލި ތަނުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނެއް ދެ ޕެކެޓް ފެނިފައިވަނީ މިމީހާ ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސްގެ ޖީބުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލައެއްގެ އިތުރުން ކުޑަކުއްޖަކާ ބަދުއަހުލާގީ ޢަމަލު ހިންގުމުގެ މައްސަލައަކާއި މަސްތުވާތަކެތީގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު