އޭސީސީއާއި އޮޑިޓް އޮފީހުގެ ގޮފި ހިތަދޫގައި ހުޅުވައިފި
އޮޑީޓަރ ޖެނެރަލް އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހާއި އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ދެކުނު ސަރަހައްދީ އޮފީސް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.
އެއް އިމާރާތެއްގައި ހިންގާ މި ދެއޮފީސް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދެވެ. މިއަދު ހެނދުނު 8.30 ގައި ބޭއްވި މިރަސްމިއްޔާތުގައި އޮޑިޓަރޖެނެރަލް ހަސަން ޒިއަތާއި، އޭސީސީގެ ރައީސް ހަސަން ލުތުފީ ބައިވެރި ވަޑައިގެންނެވިއެވެ.
މި ދެ އޮފީސް ހުޅުވައިފައިވަނީ ހިތަދޫ ކްރެސް ގާޑަން ކުރިމަތީގައި ހުރި ދެބުރި އިމާރާތުގައެވެ. މިއީ 2002 އިން 2009 އަށް ސަރަހައްދީ އޮޑިޓް އޮފީސް ހިންގި އިމާރާތެެވެ. އެފަހުން އެތަން ބޭނުން ކުރަމުން އައީ ފުލުހުންނެވެ. ނަމަވެސް 2012 ވަނަ އަހަރު ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ބަޔަކުވަނީ އެތަނުގައި ރޯކޮށް ބޮޑެތި ގެއްލުން ދީފައެވެ. އޮޑިޓް އޮފީހާއި އޭސީސީ އެތާގައި ހުޅުވީ ވަރަށް ބޮޑަށް އެތަން މަރާމާތު ކުރުމަށް ފަހުއެވެ.
މި ދެ އޮފީސް ހުޅުވުމުގެ ކުރިން އިމާރާތުގެ ގޯތިތެރޭގައި ވަނީ ގައުމީ ދިދައާއި އޭސީސީ އަދި އޮޑިޓް އޮފީހުގެ ދިދަ ނަންގަވައި ދެއްވައިފައެވެ. ގައުމީ ދިދަ ނަންގަވައި ދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. އޮޑިޓްއޮފީހުގެ ދިދަ ނަންގަވައި ދެއްވީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތެވެ. އޭސީސީގެ ދިދަ ނަންގަވައި ދެއްވީ އޭސީސީގެ ރައީސް ހަސަން ލުތުފީއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އޭސީސީއާއި އޮޑިޓް އޮފީސް އެއް އިމާރާތެއްގައި ހިންގުމުން މައްސަލަތައް ހައްލުކުރަން ފަސޭހަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ އިމާރާތުގެ ކައިރީ ފުލުސް އޮފީސް ހުރުމަކީ މާލީ ކުށްކުރާ މީހުންނަށް އެފަދަ ކަންކަން ކުރަން ޖެހިލުންވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. "މިއީ އަޅުގަނޑު ގަބޫލުކުރާ ޕްރިންސިޕަލަކީ،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެކުނުގެ 4 އަތޮޅަށް ޚާއްސަ ކޮށްގެން ހުޅުވި މި ދެއޮފީހުގެ ސަބަބުން ގިނަ ކަންތައްތަކެއް ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ދެއޮފީހުގެ ސަބަބުން މަދުން ނަމަވެސް ވަޒީފާ އުފެދުމަކީ އިގްތިސާދަށް ކުޑަނަމަވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކުރިންވެސް އައްޑޫގައި އޮޑިޓް އޮފީހެއް ހުޅުވައި އޭގެ ފައިދާ ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އޭރު އޭނާ މަސައްކަތް ކުރެއްވީ އޮޑިޓް އޮފީހުގައި ކަމަށްވެސް ވިދާޅުވިއެވެ. ދެކުނުގެ ސަރަހައްދުގައި އޮޑިޓް އޮފީސް އަލުން ހުޅުވުމަކީ ސަރަހައްދުގެ މައްސަލަތައް އަވަހަށް ހައްލު ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އައްޑޫގައި މިއަދު ހުޅުވުނު އޭސީސީއަކީ މާލެ ފިޔަވައި އޭސީސީގެ އޮފީހެއް އެހެންތަނެއްގައި ހުޅުވުނު ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދެކުނުގައި އޭސީީސީގެ އޮފީހެއް ހުޅުވީ އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް މައިގަނޑު ގޮތެއްގައި ދެކުނަށް ނިސްބަތްވާތީ ކަމަށް ލުތުފީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އޮޑިޓަރޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މި ދެއޮފީސް ދެކުނުގައި ހުޅުވުމުން ދެކުނުގެ އޮފީސްތައް އޮޑިޓް ކުރުން ހަލުއިވެގެންދާނެ ކަމަށެވެ. އަދި ދަތުރުފަތުރުގެ ޚަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ.
މި އޮފީސް ހުޅުވީ އޮޑިޓް އޮފީސް ގާއިމްކުރިތާ 67 ވަނަ އަހަރު ފުރުނު ދުވަހު ކަމަށްވާތީ ކުރީގެ އޮޑިޓަރޖެނެރަލް އިސްމާއީލް ފަތުހީއަށް ޒިޔަތު ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. ޒިޔަތު ވިދާޅުވީ ފަތުހީއަކީ ޒަމާނީ ފެންވަރަށް ރާއްޖޭގެ އޮޑިޓްގެ ދާއިރާ ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅާ ކަމަށެވެ.
އޮޑިޓް އޮފީހާއި އޭސީސީ ހިތަދޫގައި ހިންގާ އިމާރާތަށް ދީފައިވާނަމަކީ "އިސްމާއީލް ކަލޭގެފާނު ތުއްތު ބިލްޑިންގ" އެވެ. އިސްމާއީލް ކަލޭގެފާނަކީ ރާއްޖޭގައި އޮޑިޓްގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވި ބޭފުޅާއެވެ.
ކިޔުންތެރިންގެ ހިޔާލު