ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާވި ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
މިއަދު ހެނދުނު ސ. ހިތަދޫ ނާސްތާ ހޮޓާ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އެރަށު ޓިނުޖެހިގޭ ނަވާލް މުޙައްމަދަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ޢުމުރުން 17 އަހަރުގެ ނަވާލަށް މިހާރުދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އިންޓެންސިވްކެއާ ޔުނިޓް (އައީސީޔޫ) ގައި ފަރުވާ ދެމުންނެވެ. ޢާއިލާއިން ބުނީ ނަވާލްގެ ބޮލުން ހަތަރުތަނެއް ފަޅައިގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ޙާލު ސީރިއަސް ކަމުން މާލެ ފުރުވާލަންވެސް ޑޮކްޓަރުން އަދި ހުއްދައެއް ނުދޭ ކަމަށް ޢާއިލާއިން ބުންޏެވެ. އޭނާ ގޮވައިގެން މާލެ ފުރުމަށް ޢާއިލާއިން މިހާރުވަނީ ތައްޔާރުވެފައެވެ.
އެޗްއާރްއެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ޢަލީ މޫސާ ވިދާޅުވީ އެ ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. ޑޮކްޓަރުން ލަފާ ދެއްވަނީ ވީހާ ވެސް އަވަހަށް މާލެ ގެންދިޔުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާގެ ހާލު ސީރިއަސްކަމުން ފުރުމުގެ ހުއްދަ ޑޮކްޓަރު ނުދެއެވެ.
ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ ހުސައިން ސަމީރު މިއަދު ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ ގޯޅިއަޅަން އުޅުނު ސައިކަލެއްގެ ހުންގާނުގައި ނަވާލް ދުއްވަންއިން ސައިކަލުގެ ހުންގާނު އަޅައިގެން ކަމަށެވެ. "ނަވާލް އައީ ބާރު ސްޕީޑުގައި ދުއްވަމުން. އޭރު ގޯޅިއަކުން އަޅަން ދިޔަސައިކަލެއްގެ ފަހަތުން އޯވަޓޭކް ކުރަން އުޅުނީ. އުޅުމުގެ ތެރޭގައި ދެ ސައިކަލްގެ ހުންގާނު އަޅައިގެންފައި ނަވާލް ކަހައިލައިގެން ހަތްދިހަ ފޫޓު ދުރަށް ވެއްޓުނީ،" ސަމީރު ވިދާޅުވިއެވެ.
ނަވާލް ދުއްވަން އިން ސައިކަލްގެ ފަހަތުގައި 14 އަހަރުގެ ކުއްޖަކުވެސް އިން ކަމަށް ސަމީރު ވިދާޅުވިއެވެ. އެކުއްޖާއަށް ބޮޑު ހާނިކައެއް ނުވިޔަސް ބައެއް ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އެވަގުތު ގޯޅިއަޅަން އުޅުނު ސައިކަލް ދުއްވަންއިން މީހާއަށްވެސް މާބޮޑު އަނިޔާއެއް ނުވާކަމަށް ސަމީރު ވިދާޅުވިއެވެ.
މިފަދަ ކަންކަމަށް މައިން ބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ވިސްނައި ކުދިންނަށް ނަސޭހަތްތެރި ވުމަށް ސަމީރު އެދިވަޑައިގެންނެވިއެވެ. އެއުމުރުގެ ކުދިން ލައިންސަންސް ނުނަގައި ދުއްވާއިރު އެކަންކަން ހުއްޓުވުމަކީ މައިންބަފައިންގެވެސް ޒިންމާއެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު