ސަންގުޓީވީގެ އިދާރައަށް ފުލުހުންވަދެ ފާސްކޮށްފި

image ސަންގު ޓީވީ ފާސްކުރުމަށްފަހު ބައެއްސާމާނު ފުލުހުން ގެންދަނީ-ފޮޓޯ ހަވީރު

ސަންގުޓީވީގެ އިދާރާއަށް ފުލުހުންވަދެ ރޭ ވަދެ ފާސްކޮށްފިއެވެ. އެތަނަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ.

ކޯޓުއަމުރުގައި ބުނެފައިވަނީ ފުލުހުން އެތަނަށްވަނީ ރައީސް ޔާމީނާއި ދައުލަތުގެ އިސްބައެއް ވެރިންނަށް މަރުގެ އިންޒާރުދީ ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބިރު ދައްކާފައިވާ ވީޑިއޯ މެސެޖްތަކެއް ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެއްކާއި ގަރީނާ ހޯދުމަށެވެ. އެތަނުގެ ބައެއް މުވައްޒަފުންނާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ފުލުހުން އެތަނަށްވަދެ އެންމެންގެ ފޯން އަތުލި ކަމަށެވެ. އަދި އިންޓަރނެޓް ކަނޑާލުމަށްފަހު ކޮމްޕިޔުޓަރުތަކުގެ ހާޑުޑިސްކްތައް ނަގަން ފެށި ކަމަށެވެ. ހާޑްތަކުގައިހުރި ބައެއް ވީޑިއޯއާއި ފޮޓޯތައް މިހާރު ފުލުހުންވަނީ ނަގައިފައި ކަމަށް މީޑިއާގައި ބުނެފައިވެއެވެ.

ސަންގުޓީވީގެ ސީއީއޯ ޔާމީން ރަޝީދާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވަނީ ފުލުހުން ތުހުމަތު އެކުރާވަރުގެ ކަމެއް އެސްޓޭޝަންގެ އެއްވެސް މީހަކު ކޮށްފާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އެތަނުގެ ނޫސްވެރިންނާއި ހިންގަންތިބި މީހުންނާއި އެހެން މުވައްޒަފުންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް "އެފަދަ ތުހުމަތުތަކެއް ހުރިއްޔާ ފުލުހުން އެކަން ތަހުގީގު ކުރުމަކީ އަޅުގަނޑު ތަރުހީބުދޭ ކަމެއް،" ޔާމީން ރަޝީދު ވިދާޅުވި ކަމަށް ހަވީރުގައި ބުނެވެފައިވެއެވެ. ފުލުހުން ކޯޓު އަމުރުގައި ބުނެފައިވާ ތުހުމަތުތަކެއް އަދި އެއްވެސް މެޓީރިއަލެއް ވެސް ސަންގު ޓީވީގެ ތެރޭގައި ހުރެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާމީނާ ހަވާލާދީ ހަވީރުގައި ބުނެފައިވެއެވެ.

ސަންގު ޓީވީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް އަސްވާޑު ވިދާޅުވީ ފުލުހުންވަނީ އެއޮފީހަށްވަދެ އެތަން އެފުށް މިފުށަށް ޖަހައިފައި ކަމަށެވެެ. 27 ކޮމްޕިޔުޓަރެއްގެ ހާޑުޑިސްކްވެސް ފުލުހުން ގެންދިޔަކަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިއަދު އޮންއެއާ ކުރެވޭނެ ކަމާމެދުވެސް ޝައްކު ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެތަނުގެ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ބޮޑަށް އިތުބާރުކުރާ ކަމަށެވެ. ފުލުހުން ތުހުމަތުކުރާ ޒާތުގެ ކަމެއް އެއްވެސް މުވައްޒަފަކު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް