ރާއްޖޭގެ ހާލަތު މިހިސާބަށް އައީ ޔާމީންގެ ނާގާބިލް ކަމުން-އެމްޑީޕީ
ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށް މިހާރު މިއޮތް ހާލަތާ ކުރިމަތިލާން ޖެހުނީ ރައީސް އަބްދުﷲ ޔާމީންގެ ނާގާބިލް ކަމުންނާއި ރައްޔިތުންގެ ތާއިދު ނެތި ވެރިކަން ކުރައްވަން އުޅުއްވުމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ގައުމަށް އިއުލާން ކުރުމަކީ ގައުމުގެ ހާކަތު ދާނޭ އެންމެ ދަށަށް ހިންގަޖެކަން އަންގައިދޭ އެންމެ ވަރުގަދަ ހެކި ކަމަށެވެ. މިސަރުކާރަށް ދެއަހަރު ނުވަނީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ވެރިކަން ކުރަމުންދާތީ ކަންބޮޑުވާ ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވަނީ ގާނޫނު އަސާސީގައި ބުނާ އެންމެ ދިގު މުއްދަތު ކަމަށްވާ 30 ދުވަހަށެވެ. އެއީވެސް ކަންބޮޑުވާ ކަމެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރީން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށާއި އިންވެސްޓަރުން ރާއްޖެއާ އިންތިހާއަށް "ފެއަށްޖެހޭނޭ" ކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު ގާނޫނު އަސާސީގައިވާ ގިނަގުނަ އަސާސީ ހައްގުތަކެއް ހިފެހެއްޓިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެއީ ރައްޔިތަކަށް ދިމާވާނެ އެންމެ ކަންބޮޑުވާންޖެހޭ ހާލަތު ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
"މިގޮތުން ހައްގުތައް ހިފެހެއްޓިފައިވާއިރު، ހިފެހެއްޓިދާނޭ ކަންކަމުގެ ތެރޭގައި ނުހިމެނޭ ގާނޫނު އަސާސީގެ މާއްދާއެއްކަމުގައިވާ 100 ވަނަ މާއްދާގެ (ރ) ހިމަނުއްވައި އަދި އެ މާއްދާއަށް ބަދަލުގެންނަވާފައިވާކަން ކަންބޮޑުވުމަކާއެކު ފާހަގަކުރަމެވެ. މި މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ދިނުމުގެ ވާހަކަ އެވެ. ނަމަވެސް އެ މާއްދާ ނުހިމެނުވޭނޭ އިރުވެސް އެމާއްދާ ހިމަނުއްވައި، އަދި 14 ދުވަސް ކަމުގައި އޮތްތަން 7 ދުވަހަށް ބަދަލުކުރައްވާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ."
ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކުރެއްވީ ރައީސާއި ނާއިބު ރައީސާ ދެމެދުއޮތް ސިޔާސީ ކަމެއްގެ ތެރެއިން ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު