ދެގައުމުން އެކައްޗެއް ބުނުމުން އެއީ ޝަރީއަތަށް ހުށަހެޅިދާނެ ހެއްކެއް-އުމަރު
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮމެއް ގޮއްވި ހާދިސާއާ ގުޅިގެން ތިން ގައުމެއްގެ ލަފައަށް އެދުމުން ދެގައުމަކުން އެކައްޗެއް ބުނެފައިވުމުން އެއީ ޝަރީއަތަށް ހުށަހެޅޭނެ ކާފީ ހެއްކެއް ކަމަށް ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ލޯންޗުކޮޅުގެ ހާދިސާއާ ގުޅިގެން ނެޝަނަލް އިންކުއަރީ ކޮމިޝަން (އެން.އައި.ސީ) ގެ ފަރާތުން ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންގެ ކޯޗެއަރގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން އުމަރު މިއަދު ވިދާޅުވީ ލަންކާއާއި ސައުދީގެ މާހިރުންގެ ޓީމުން ބުނެފައިވަނީ ލޯންޗުކޮޅުގައި ގޮއްވާލައިފައިވަނީ އައިއީޑީ އެއް ކަމަށެވެ. އެހެން ކަމުން އެއީ ކޯޓަށް ހުށަހެޅިދާނެ ކާފީ ހެއްކެއް ކަމަށެވެ.
މިމައްސަލައިގައި ތިންވަނަ ލަފައެއް ދީފައިވަނީ އެމެރިކާގެ ފެޑްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ކަމަށެވެ. އެމީހުންގެ ރިޕޯޓުގައި ބުނެފައިވަނީ ކާފީ ސައްހަ ހެކި ޔަގީންވާ ވަރަށް ލިބިފައިނުވާ ވާހަކަ ކަމަށެވެ. އެހެންނަމަވެސް އެ ގޮވުމަކީ ފިއުލް އެއަރ އެކްސްޕްލޯޝަނަކަށް ނުވާނެއޭ ނުބުނެވޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ސައުދީން ގެންދިޔަ ހަ ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލުން ވަނީ "ހައި އެކްސްޕްލޯސިވް ސާމްޕަލް" ފެނިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ލަންކާގެ ޓީމުންވެސް ވަނީ އައިއީޑީއެއް ކަމަށް ބުނެފައެވެ. މިހާދިސާ ހިންގުމަށް ފަހުން ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އުމަރު މިއަދު ވިދާޅުވިއެވެ. މިހާދިސާގައި ލޯންޗުގެ އެހެން ބައެއް ތަންތަނާއި ތަކެއްޗަށްވެސް ގެއްލުންވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ މިތަހުގީގަކީ ސީދާ ދިވެހި ފުލުހުން ކުރަމުންދާ ތަހުގީގެއް ކަމަށެވެ. ރާއްޖެއިން ބޭރުން އައި ޓީމުތަކުންވެސްވަނީ ކުށުގެ ވެށި ބަލާފައި ކަަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ ސީދާ ރައީސް އަވަހާރަކޮށްލަންދިން ހަަމަލާއެއް ކަމަށް ފޮޓޯތައް ބަލާލުމުންވެސް ގަބޫލް ކުރެވޭ ކަމަށެވެ. ބޮން ނުވަތަ އެކްސްޕްލޯސިވް ހަރުކޮށްފައި ވަނީ ރައީސް އިންނަވާ ވީއައިޕީގެ ގޮނޑީގެ ފަހަތުގައިހުރު ފިލައެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގޮވުމާއެކު ބައެއް ގޮނޑިތައްވަނީ ވިއްސައިގެން ގޮސްފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިހާދިސާއާ ނާއިބު ރައީސް އަހުމަދު އަދީބާ ގުޅުންހުރި ކަމުގެ ހެކި އެބަހުރި ކަމަށްވެސް މިނިސްޓަރ އުމަރު ނަސީރުވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިހާދިސާގައި އެއްވެސް މީހެއްގެ ފަހަތުން ވަޑައި ނުގަންނަވާ ކަމަށެވެ. ވަޑައި ގަންނަވަނީ ހެކީގެ ފަހަތުން ކަމަށް ތަކުރާރު ކުރެއްވިއެވެ. އެހެންނަމަވެސް ހެކި ދަނީ ނާއިބު ރައީސްގެ ފަހަތުން ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު