އިންޑިއާކަނޑުގެ ސުލްހައަށް ބުރޫއަރާނެ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ-އެމްޑީޕީ
އިންޑިޔާ ކަނޑުގެ ރައްކާތެރިކަމާއި ސުލްހައަށް ބުރޫ އަރާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ކޮށްގެން ނުވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. އެބަޔަނަކީ ރާއްޖޭގެ ޚަރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭނީ އިންޑިއާއަށް ކަމަށް ރައީސް ޔާމީން ވިދާޅުވެ ޔަގީންކަން ދެއްވާފައިވާ ކަމަށްބުނެ އިންޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނާ ގުޅިގެން އެކަން ފާހަގަކޮށް އެމްޑީޕީން ނެރުނު ބަޔާނެކެވެ.
އެމްޑީޕީން ބުނެފައިވަނީ އިންޑީއާއާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމަށް އެއްވެސް ހީނަރު ކަމެއް އަތުވެދާނެ ކަމެއް ސަރުކާރުން ކޮށްގެންނުވާނެ ކަމަށެވެ. އެގޮތަށް އަމަލުކޮށްފިނަމަ އެކަން ވެގެންދާނީ ދިވެހިރާއްޖެއަށް ލިބިގެންދާނޭ ނިކަމެތި ކަމަކަށް ކަމަށްވެސް ބުނެފައިވެއެވެ. "ފާއިތުވީ ދުވަސްތަކުގައި އިންޑިޔާއާ ދިވެހިރާއްޖެއާ މެދު އޮތް ގުޅުން ކޮންމެވެސް މިންވަރަކަށް ހީނަރުވެފައިވަނީ ދިވެހި ސަރުކާރުން އިރުމަތީ ގައުމުތަކަށް ހާއްސަކަމެއް ދީގެން ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުން ކަމުގައި ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި ދެމިއޮތުމަކީ ިރާއްޖޭގެ ތަރައްގީގައި އިންޑިޔާގެ މުހިއްމު ދައުރެއް އޮތްކަން ހާމަވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެބަޔާނުގައި ބުނެފައިވަނީ ދުނިޔާގެ އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިޔާ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ބޮޑަށް އެހީވަމުން އަންނަ ގައުމަކީވެސް އެއީ ކަމަށެވެ.
"އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ސާފުކޮށް ސަރުކާރުގެ ވިސްނުން އިރުމައްޗަށް ބަދަލުވަނީ ކަމުގައި ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވަނީ ޗައިނާގެ މަޝްރޫއެއްކަމުގައިވާ ސިލްކް ރޫޓްގައި ބައިވެރިވުމުން ދިވެހިރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓް ލިބި އިގްތިސާދީ ގޮތުން ހީވެސް ނުކުރާފަދަ ނަފާތަކެއް ލިބޭނެ ކަމުގައެވެ."
އިންޑިޔާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ދާދިފަހުން ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށްފަހު "ސަރުކާރުގެ ވިސްނުން މިހާރު ބަދަލުވެފައި" ވާކަން ހާމަވާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު