ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތަކުން ގެއްލުމުގެ ޒިންމާ ނަގަންޖެހޭނެ: ރައީސް ޔާމީން
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ބޮއިކޮޓް ކުރުމަށް ގޮވާލައި، އެކިއެކި ވަސީލަތްތައް މެދުވެރިކޮށް، އެތެރެއިންނާއި ބޭރުން މަސައްކަތް ކުރަމުން ގެންދާކަން، ވަރަށްބޮޑަށް ކުށްވެރި ކުރައްވާ ކަމަށާއި، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ގޮވާލުންތަކުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކަށް، އެފަދަ ފަރާތްތަކުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަންޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ބޮއިކޮޓް ކުރުމަށް ގޮވާލައި، އެކިއެކި ވަސީލަތްތައް މެދުވެރިކޮށް، އެތެރެއިންނާއި ބޭރުން މަސައްކަތް ކުރަމުން ގެންދާކަން، ވަރަށްބޮޑަށް ކުށްވެރި ކުރައްވާ ކަމަށާއި، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ގޮވާލުންތަކުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކަށް، އެފަދަ ފަރާތްތަކުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަންޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ހިތާބުގަ އެވެ.
އެ ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމަކީ އެތަކެއް ވަޒީފާގެ ފުރުޞަތު އުފައްދާ ޞިނާޢަތެއް ކަމަށެވެ. މިގޮތުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ބޮޑު ޙިއްޞާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް، މި ފުރުޞަތުތަކުގެ ބޭނުން އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައި ކަމަށްވެސް ވިދާޅުވި އެވެ.
"މި ދާއިރާއިން ހުޅުވައިލެވޭ ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ޞިނާޢަތް ހިންގަވަން ތިއްބެވި ފަރާތްތަކުންވެސް ދިވެހިންނަށް ވަޒީފާ ދެއްވުމަށް އިތުރަށް ބާރުއަޅުއްވައި، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް މި ފުރުޞަތުގައި ދަންނަވަމެވެ.ރާއްޖޭގެ އެންމެ ބޮޑު އެއް ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކަމަށް ވީހިނދު، މި ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ، މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. އެހެންކަމުން، ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެކެވެ.ޝައްކެއްނެތްގޮތުގައި، ބާރު ދުވެއްޔެއްގައި ތަރައްޤީ ވަމުން އަންނަ މި ޞިނާޢަތަށް ހުރަސް އެޅޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ، ރާއްޖެދެކެ އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންދެކެ ލޯބިވާ ފަރާތަކުން ކޮށްގެންވާނޭ ކަމެއްނޫނެވެ.، ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ޤާއިމްކުރެވިފައިވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަކީ، އެތައްބައެއްގެ ހިތްވަރާއި މިންނަތުގެ ފޮނި މޭވާކަމާމެދަކު ޝައްކެއްނެތް ކަމަށެވެ. "ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުކަމަށް ކަނޑައަޅާފައިވާ، [އެއް ބިލިއަން ފަތުރުވެރިން – އެއް ބިލިއަން ފުރުޞަތު] މި ޝިޢާރަށް ބަލާއިރު، މި ޝިޢާރު ބިނާކޮށްފައިވަނީ، ދުނިޔޭގައި ފަތުރުވެރިންގެ އަދަދު 2014 ވަނަ އަހަރު، 1.1 ބިލިއަނަށް އަރާފައިވުމާއި، އެކަމުގެ ސަބަބުން ހުޅުވިގެންދާ ތަފާތު ފުރުޞަތުތަކުގެ މައްޗަށްކަން ފާހަގަކޮށްލަން ޖެހެއެވެ.ރާއްޖޭގައި، 1972 ވަނަ އަހަރު، އެންމެ 60 އެނދުން ވަރަށް ކުޑަގޮތަކަށް ފެށުނު މި ޞިނާޢަތު މިވަނީ، 32,000 އަށްވުރެ އެނދުގެ އަދަދު އިތުރުވެ، ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަދަ ޞިނާޢަތަކަށް ވެފައެވެ. މިގޮތުން 2014 ވަނަ އަހަރު ވަނީ 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި ކުރިއަށްއޮތް 2016 ވަނަ އަހަރަކީ، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ކަނޑައެޅިފައިވުމުން، އެ އަދަދު އެތައްގުނައެއް އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.ދިވެހިރާއްޖެއަކީ، ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ 29 އިންސައްތަ ޙިއްޞާކުރާ ޞިނާޢަތަކީ ފަތުރުވެރިކަމެވެ. މި ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ފަހިކޮށްދެވެންހުރި ކަންކަން މިގެންދަނީ، ފަހިކޮށްދެމުންނެވެ. އެގޮތުން، މި ޞިނާޢަތު ފުޅާކޮށް ޑައިވަރސިފައި ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، އެކަމަށްޓަކައި އަލަށް ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލުމާއި އަދި މިހާރު ޢަމަލު ކުރަމުންގެންދާ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ.،" ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު