ސަރުކާރުން ރާއްޖޭގައި ދައްކާ ވާހަކަ އާއި ރާއްޖެއިން ބޭރުގައި ދައްކާ ވާހަކަ ދިމައެއްނުވޭ- އެމްޑީޕީ
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ރާއްޖޭަގއި ދައްކާ ވާހަކަ އާއި ރާއްޖެއިން ބޭރުގައިދައްކާ ވާހަކަ ދިމާނުވާ ކަމަށާއި، ރާއްޖޭގައި ގަދަ ބަސް ބުނުމަށްފަހު ރާއްޖެއިން ބޭރުގައި ދައްކަނީ މުޅިން އެހެން ވާހަކައެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ރާއްޖޭަގއި ދައްކާ ވާހަކަ އާއި ރާއްޖެއިން ބޭރުގައިދައްކާ ވާހަކަ ދިމާނުވާ ކަމަށާއި، ރާއްޖޭގައި ގަދަ ބަސް ބުނުމަށްފަހު ރާއްޖެއިން ބޭރުގައި ދައްކަނީ މުޅިން އެހެން ވާހަކައެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުންދާކަމުގެ ބޮޑެތި ކަންބޮޑުވުންތައް ހިމެނޭގޮތުން އެކި ޤައުމުތަކުން ހުށަހަޅާފައިވާ 258 ހުށަހެޅުމުގެ ތެރެއިން 198 ހުށަހެޅުމެއް ބަލައިގަތުމަށް ރާއްޖެއިން ނިންމައިފިކަމަށް ބަޔާންކޮށް، ދިވެހި ސަރުކާރުގެ ފަރާތްޕުޅުން އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގައި އިއްޔެ ވާހަކަފުޅު ދައްކަވާފައިވާތީ، އިދިކޮޅު އެމް.ޑީ.ޕީން އެކަން ފާހަގަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކަންތައްތަކާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނުބެހެވޭނޭކަމަށް ރާއްޖޭގައި ތިއްބަވައިގެން ދިވެހިސަރުކާރުގެ އެންމެ އިސް ވެރިޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުން ފެށިގެން، ސަރުކާރުގެ އެހެން އިސް މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން ތަކުރާރުކޮށް ގަދަ ބަސް ވިދާޅުވެ ވާހަކަފުޅުދައްކަވާއިރު، ރާއްޖެއިން ބޭރަށް ވަޑައިގެން އެހެން މޭރުމަކުން ވާހަކަފުޅު ދައްކަވާކަމަށެވެ.
އެގޮތުން އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރުމަށް އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގައި ކަނޑައަޅާފައިވާ ނިޒާމު ކަމުގައިވާ “ޔުނިވާރސަލް ޕީރިއޮޑިކް ރިވިޔޫ” ޕްރޮސެސް ގައި ދިވެހި ސަރުކާރުން ބައިވެރިވެވަޑައިގެން، އިއްޔެ ވިދާޅުވެފައިވަނީ ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދު ޤައުމުތަކުން ހުށަހަޅާފައިވާ ބޮޑެތި ކަންބޮޑުވުން ތަކުގެ ތެރެއިން 198 ހުށަހެޅުމެއް ސަރުކާރުން ބަލައިގަންނަކަމަށް ކަމުގައިވެސް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން ރައީސް ޢަބްދުﷲ ޔާމިނާއި ސަރުކާރުގެ އިސް ވެރިން ރާއްޖޭގައި ތިއްބަވައިގެން ދައްކަވާ ވާހަކަފުޅުތަކާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދައްކަވާ ވާހަކަފުޅުތަކާ އެއްގޮތަކަށް ވެސް ދިމާނުވާކަން ފާހަގަކުރަމެވެ. އަދި އެއީ ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅުކުރެއްވުމަށް މި ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމެއްކަމުގައި ވެސް ދެކޭކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގައި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވި އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ރާއްޖޭގެ އިންސާނީ ޙައްޤުތަކަށް ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުންނާއި ދައުލަތުގެ މުވައްސަސާތަކުން އަރައިގަންނަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އަދި ރައީސް މުޙައްމަދު ނަޝީދު ޙައްޔަރުކޮށްފައިވަނީ އިންސާފުން ނޫންކަމާއި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ގޮވާލާފައިވެއެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު