އެމްޑީއޭގެ ޕްލެޓްފޯމް އުފެއްދީ ރައީސް ޢަބްދުﷲ ޔާމީނަށްޓަކައި-މައުރޫފް
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ޕްލެޓްފޯމް އުފެއްދީ ރައީސް ޔާމީނަށްޓަކައި ކަމަށް ވެރިކަން ހިންގާ ކޯލީޝަނުގައި ހިމެނި ވަޑައިގަންނަވާ އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރ އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ޒުވާނުންގެ ޖަގަހާގައި ރޭ ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އަލީ މައުރޫފު ވިދާޅުވީ، ދެހާސް އަށާރަވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ގެނައުމަށްޓަކައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އަލީ މައުރޫފު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް މަގުތަކަށް ނުކުތަސް ސަރުކާރުން ބިރު ނުގަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބު އަބުދުﷲ ޔާމީނަށް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓައި ނެގެހެއްޓުމަށް ޓަމައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެވަޑަގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ ޒުވާނުންގެ އުއްމީދުތައް މި ސަރުކާރުން ދަނީ ހާސިލް ކޮށްދެމުންކަމަށެވެ. އަދި ރައީސް ޔާމީނާއެކު 2018 އަށް މަސައްކަތް ކުރައްވަނީ ޒުވާނުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދާއި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ޖެއްސުމަށްޓަކައި ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނާ ދެމެދަށްވެސް އެއްވެސް ބަޔަކަށް ނުވަދެވޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު