ރައީސް ޔާމީންގެ ކެންޕޭން މަހާސިންތާ މިރޭ ފަށާނެ
އަންނަ ރިޔާސީ އިންތިހާބު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، ކުރާ ކެމްޕެއިނުގައި ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމަށް ބާއްވާ މަހާސިންތާ މިރޭ ފަށާނެއެވެ.
މި މަހާސިންތާގައި 12 އަތޮޅަކުން 318 މެންބަރުން ބައިވެރިވާނެ ކަމަށްރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުންޏެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެމުން މީޑިއާ އޮފިޝަލް އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، މިރޭގެ މަހާސިންތާއަކީ އަތޮޅުތަކުގެ ރަށްރަށުގައި ތިބި، ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުގެ އެދުމުގެ މަތިން ބާއްވާ މަހާސިންތާއެއް ކަމަށެވެ.
މިރޭ 9:00 ގައި އެ މަހާސިންތާ ފަށްޓަވައިދެއްވާނީ ނާއިބު ރައީސް އަހުމަދު އަދީބު ކަމަށްވެސް މުއާޒު ވިިދާޅުވިއެވެ. މަހާސިންތާ އޮންނާނީ ތާޖުއްދީން ސްކޫލުގައެވެ.
"މިއީ އަތޮޅުތަކުގައި ތިއްބެވި ބޭފުޅުން އެދިލައްވައިގެން ބާއްވާ މަހާސިންތާއެއް. މިކަމުގައި އަޅުގަނޑުމެން އަތޮޅުތަކުން މީހުން ގެންނަނީ ފައިސާ ދީގެންނޫން. ނަމަވެސް މިކޮޅަށް ވަޑައިގަތީމަ ބައެއް ކަހަލަ ކަންތައްތައް ހަމަޖައްސައި ދިނުމަކީ އަދި އެހެންކަމެއް،" މުއާޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނީ މިރޭ ފަށާ މަހާސިންތާ، މިރެއިން ފެށިގެން މިމަހުގެ ފަހެއްގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ މީގެ ފުރަތަމަބައި ކަމަށްވެސް ބުންޏެވެ. ކުރިއަށްއޮތް ތަނުގައި މަހާސިންތާގެ އެކި ބައިތައް ކުރިއަށްދާނެ ކަމަށްވެސް އެތަނުން ބުންޏެވެ.
މި މަހާސިންތާގައި ބައިވެރިވެފައިވަނީ، ހއ އަތޮޅާއި، ހދ އަތޮޅާއި، ށ އަތޮޅާއި، ނ އަތޮޅާއި، ރ އަތޮޅާއި، ބ އަތޮޅާއި، ޅ އަތޮޅާއި، ކ އަތޮޅާއި، އއ އަތޮޅާއި، އދ އަތޮޅާއި، ވ އަތޮޅާއި، މ އަތޮޅުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު