އަބުދުﷲ ހަމީދު އަވަހާރަ ވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި މިނިސްޓަރުކަން ގިނަ ދުވަސްތަކެއް ވަންދެން އަދާކުރައްވާފައިވާ އަލްއުސްތާޒު އަބްދުﷲ ހަމީދު މިއަދު އަވަހާރަ ވެއްޖެ އެވެ.އިންޑިއާގެ ބެންގަލޫރުގައި އަވަހާރަވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސް އަބްދުﷲ ޔާމީނާ އެއްބަފާ ބޭބެ އަބުދުﷲ ހަމީދު އުމުރު ފުޅުން 76 އަހަރުގައި އަވަހާރަވީ، ސްޓްރޯކެއް ޖެހިވަޑައިގެން އިންޑިޔާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ހަމީދު ވަނީ އެޓޮލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަމާއި ސީނިއަރ މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. ހަމީދަށްވަނީ ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައެވެ.
ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ 2013 ވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުގަ އެވެ.
ހަމީދު އެންމެ ފަހުން ސަރުކާރުގައި ހުންނެވީ ސީނިއާ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. އެމަނިކުފާނަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ވެސް މެ އެވެ.
މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. ހަމީދު އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ.
ހަމީދު އަވަހާރަވިއިރު އެ މަނިކުފާނުގެ ފަސް އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ހަމީދަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ ކެންސަރުގެ އާ؛ލާސްކަންފުޅެއްގައި ދާދި ފަހުން އަވަހާރަވެފަ އެވެ. ހަމީދަށް ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވެ.
ކިޔުންތެރިންގެ ހިޔާލު