ނައިބުރައީސް އަދީބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް، ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް، ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އަދީބު ނާއިބުރައީސް ކަމުގެ މަގާމަށް އައްޔަން ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސަށްފަހު ނެގި ވޯޓުގައި އަދީބު ނާއިބުރައީސްކަމުގެ މަގާމަށް އައްޔަން ކުރަން ރުހުން އޮތްކަމަށް 70 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އަދީބަށް ރުހުން ދޭން ނުފެންނަ ކަމަށް 7 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވައި 4 މެންބަރުން މަޖިލީހުގައި ތަޅުމުގައި ތިއްބެވި އެވެ.
ނާއިބު ރައީސްކަމުގެ މަގާމަށް އަދީބަށް ރުހުން އޮތްތޯ ބެލުމަށް އަދީބުގެ ނަން މަޖިލީހަށް ފޮނުއްވުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ އަދީބު ނާއިބު ރައީސްކަމަށް އައްޔަން ކުރެއްވުމުން އަދީބު ނާއިބުރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު މެންދުރެއްހާއިރު އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާއިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އިތުބާރުނެތް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ފަހުއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2015 ވަަނަ އަހަރުގެ 2 ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 78 މެންބަރުން ވަނީ ޑރ. މުޙައްމަދު ޖަމީލް އަޙުމަދަށް އިތުބާރު ނެތްކަމަށް ނިންމަވައި، އެމަޤާމުން އެމަނިކުފާނު ވަކި ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން. ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަނީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމެވެ.
ނައިބް ރައީސަކު މަޤާމުން ވަކި ކުރުމަށް ބޭނުންވާ ވޯޓުގެ އަދަދަކީ، ފަންސާސްހަތެކެވެ.
ކިޔުންތެރިންގެ ހިޔާލު