ރައީސް އޮފީހުގެ މިނިސްޓަރު އަމީން ކުއްލި ގޮތަކަށް އިސްތިއުފާދެއްވައިފި
ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާދެއްވައިފި އެވެ.
އިދިކޮޅު އެމްޑީޕީއާއެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ އަމީން އިއްޔެ އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުންވެސް އަދި އަމީންގެ ފަރާތުންވެސް މިހާތަނަށް ހާމަ ކޮށްފަ އެއް ނުވެ އެވެ.
އެ މައްސަލައާ ބެހޭގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައިވަނީ، މިނިސްޓަރުންގެ އިސްތިއުފާގެ ސިޓީއަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް އަރުވާ ސިޓީއެއް ކަމަށާއި އެހެންކަމުން އެކަމާބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ.
ބައެއް މީޑީޔާތަކުން ބުނެފައިވާ ގޮތުގައި އިސްތިރުފާގެ ސިޓީ ފޮނުއްވުމަށްފަހު އަމީން މިހާރު ވަޑައިގެން ހުންނެވީ ލަންކާގަ އެވެ.
އަމީން އަކީ، އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން މަގާމުން ވަކި ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ވަރަށް ގާތް ބޭފުޅެކެވެ. އަމީން ރައީސުލް ޖުމްހޫރިއްހާގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީވެސް ޑރ. ޖަމީލުގެ ސްލޮޓެއްގަ އެވެ. އަދި ޑރ.ހަސަން ސައީދުގެ ގައުމީ ޕާޓީގެ ނާއިބު ރައީސްކަމުގެ މަގާމުގައި ޑރ.ޖަމީލު ހުންނެވި ދުވަސްވަރު އަމީން ހުންނެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގަ އެވެ.
އަމީން ޕީޕީއެމާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެވެ.
އަމީން އަކީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި ނާއިބު ރައީސް ޑރ. ޖަމީލާއެކު އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއްބޭފުޅާއެވެ.
ރިޔާސީ އިންތިހާބުތެރޭގައި އަމީން ވަނީ ރައީސް ޔާމީންގެ ކެމްޕެއިން އެޖެންޓްކަންވެސް ކުރައްވައިފަ އެވެ.
އަމީން އިސްތިއުފާދެއްވާފައިވާއިރު، އަމީން އާއި ޑރ.ޖަމީލާ ދެބޭފުޅުންނާ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ، ކުރީގެ ޔޫތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު މީގެ ދެމަހެއްހާދުވަސް ކުރިން ރައީސް ޔާމީން ވަނީ މަގާމުން ވަކިރައްވައިފަ އެވެ.
އަމީން އިސްތުފާ ދެއްވާފައި ވާއިރު އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ މައްސަލައެއްވެސް އުފުލިފަ އެވެ.
އެއީ ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަންވީ މުއްދަތަށް ނުނިންމުމުން އެ މަސައްކަތްކުރި ކުންފުނި ޖޫރިމަނާ ކޮށްފައިވަނިކޮށް ރައީސް ޔާމީން އަންގަވައިގެންކަމަށްބުނެ އެ ޖޫރިމަނާ މައާފުކޮށްދިން މައްސަލައެވެ. ނަމަވެސް އަދި އެ މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައިފައެއްނުވެ އެވެ.
ކިޔުންތެރިންގެ ހިޔާލު