އިމްރާން ފަދަ ލީޑަރުން ހައްޔަރު ކުރިޔަސް ސިޔާސީ ހަރަކާތަކަށް ހުއްޓުމެއް ނުގެނެވޭނެ- ޝިފާޒު
އިމްރާނާއި ޢަލީ ވަޙީދާއި، އަމީން އިބްރާހީމް ފަދަ ސިޔާސީ ލީޑަރުން ޖަލަށް ލިޔަސް ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ސިޔާސީ ޙަރަކާތަށް ނިމުމެއްނާންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މިސަރުކާރުގެ ފިކުރަކީ ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން ސިޔާސީ ޙަރަކާތްތައް ހުއްޓުވުން ކަމަށެވެ. "އެއީ ވާނެ ކަމެއްނޫން. އިމްރާން ފަދަ ބޭފުޅުން ހައްޔަރުކޮށް ޖަލަށް ލިޔަސް ސިޔާސީ ޙަރަކާތްތަކަށް އެއްވެސް ބަދަލެއް ނުއަންނާނެ. އެބަދަލް ގެނެވޭނީ ހަމައެކަނި ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރުމުން،" ޝިފާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން ފެށީ ސަރުކާރުން އެތައް ކަމެއް ޤާނޫނު ޢަސާސީއާ ޚިލާފަށްކޮށް ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވާން ފެށުމުން ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިޔާސީ ޙަރަކާތްތައް ހުއްޓާލާނީ ރައީސް ނަޝީދު މިނިވަންކޮށް ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލައި ޤާނޫނުގެ މަގަށް ސަރުކާރު ދީލާލުމުން ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކައި ސަރުކާރުން ގެންދަނީ ވިލާގްރޫޕުގެ ޗެއަރމަން އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވަރަށް ބޮޑަށް އަނިޔާ ދެމުން ކަމަށެވެ. އެއަނިޔާ ވެރިކަމުގެ ސަބަބުން ޤާސިމްގެ ކުންފުނީގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ރޯދަމަސް ފެށެން ގާތްގަނޑަކަށް ހަފްތާއެއް ވެފައިވަނިކޮށް މުވައްޒަފުންގެ ވަކިކުރަން ޖެހުމަކީ އެ ޢާއިލާތަކަށް ލިބިގެންދާނެ ވަރަށްބޮޑު ނިކަމެތި ކަމެކެވެ. އެކަމުގެ ޒިންމާވެސް ނަގަންޖެހޭނީ ސަރުކާރުން ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ޖޫންމަހު 12 ވަނަ ދުވަހު ބާއްވާ އެއްވުން ކުރީގެ ދެ އެއްވުމާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ. "ޖޫން ބާރަވަނަ ދުވަހުގެ އެއްވުން ރެލީ ކުރާނީ ވަރަށް ތަފާތު ގޮތަކަށް. ނަމަވެސް ތަފްސީލެއް ދެވެންނެތް. ތަފްސީލެއް ނުދިނުމަކީވެސް ތަފްސީލެއް ކަމަށް ބަލިދާނެ،" އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު