އަޅުގަނޑު ރައީސް ނަޝީދަށް ތާއީދު ކުރަނީ ރައްޔިތުންނަށް އަނިޔާނުދީ ވެރިކަން ކުރީތީ-އިބްރާ
ރައީސް ނަޝީދަށް ތާއިދު ކުރައްވަނީ ކުޑައިރުގެ ރަޙުމަތްތެރިޔާއަށް ވެފައި "ގޭދޮށު ކުއްޖާއަށް" ވުމުން ނޫން ކަމަށާއި އެމަނިކުފާނަށް ތާއިދު ކުރައްވަނީ އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދެއްވާފައި ނުވާތީ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
"އަނިޔާވެރިކަން ނިންމަން" މިނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ "އަޅުގަނޑު ރައީސް ނަޝީދަށް ތާއީދު ކުރަނީ ގޭދޮށު ކުއްޖާއަށް ވީމައެއްނޫން. ކުޑައިރުގެ އެކުވެރިޔާއަށް ވީމައެއްނޫން. އެމަނިކުފާނުގެ ތިން އަހަރު ނޫނީ ރައްޔިތަތަކަށް އަނިޔާއެއް ނުދީ ވެރިކަން ކުރި ވެރިއެއް ނެތީމާއި. ރާއްޖޭގެ ހަތަރުހާސް އަހަރުވީ ދިގުތާރީޚުގައިވެސް ރައީސް ނަޝީދު ނޫނީ އަނިޔާ ނުކުރާ ވެރިއެއް ނާދޭ. އެހެންވަ ނަޝީދަށް ތާއިދު ކުރަނީ،" އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ އެމީހެއްގެ ދިރިއުޅުން ރަނގަޅުކޮށް އާރާސްތު ކުރުމުގެ މަސައްކަތް ކުރާނީ އެމީހަކު އަމިއްލައަށް ކަމަށެވެ. ސަރުކާރުން ކުރަންވާނެ ކަމަކީ ހަމައެކަނި އެކަމަށް ހުރަސް ނޭޅުން ކަމަށެވެ. އެކަންވެސް ކޮށްދެއްވި ހަމައެކަނި ވެރިއަކީ ރައީސް ނަޝީދު ކަމަށް އިބްރާ ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ސަރުކާރުން އަނިޔާއާއި ޖެއްސުން ކުރަމުން ގެންދަނީ ޤާސިމް އިބްރާހީމަށް އެކަނި ނޫންކަމަށެވެ. މިޤައުމުގެ އެއްވެސް ރައްޔިތެއްގެ މުދަލަށް ޙިމާޔަތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. ބޭނުންވީމާ ކޮންމެ އެއްޗެއްވެސް ގެންދަނީ ކަމަށާއި އެކަމާ ގުޅިގެން ދާނެތަނެއްވެސް މިޤައުމަކު މިހާރު ނެތްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން ގެންދަނީ ޓެރަރިޒަމްގެ ދަޢުވާ އެކި ބޭފުޅުންގެ މައްޗަށްކޮށް އެބޭފުޅުން ޓެރަރިސްޓުންނަށް ހަދައި ޖަލަށް ލަމުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްވެސް ވަނީ ޖަލަށް ލާފައި ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުންނަކީ ޓެރަރިސްޓުން ނޫންކަމަށާއި، "ހަޤީތުގައި މިރާއްޖޭގައި މިވަގުތު ތިބި އެންމެ ބޮޑެތި ޓެރަރިސްޓުންނަކީ މި ސަރުކާރުގެ އިސްވެރިން" ކަމަށް އިބްރާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު