މަޝްވަރާ ކުރުމަށް ސަރުކާރުންދިން ދަޢުވަތު ޖޭޕީން ޤަބޫލު ކޮށްފި
އިދިކޮޅު ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް ބޭނުންވެ ސަރުކާރުން ފޮނުވި ދަޢުވަތު ޖުމްހޫރީޕާޓީން ޤަބޫލުކޮށް އެކަން ސަރުކާރަށް އަންގައިފިއެވެ.
ޖުމްހޫރީ ޕާޓީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މަޝްވަރާކުރުމުގެ ދަޢުވަތު ސަރުކާރުން ދިނުމަކީ އުފާކޮށް މަރުޙަބާ ކިޔާކަމެއް ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ ތިން ދާއިރާއަކީވެސް ޖޭޕީން ބަލައިގަންނަ ކަންކަން ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ. އެދާއިރާތަކަކީ ސިޔާސީގޮތުން އުފެދިފައިވާ ނުތަނަވަސްކަމާއި، ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ޤާނޫނީ ނިޒާމްތަކުގެ ތެރެއިން ހައްލުތަކެއް ހޯދުމާއި، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ އެޕާޓީގެ ޑެޕިޔުޓީ ލީޑަރ އަމީން އިބްރާހީމާއި، ޑެޕިޔުޓީ ލީޑަރ، ދަނގެތީ ދާއިރާގެ މެމްބަރ އިލްހާމް އަޙުމަދާއި، އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރ ޙުސައިން މުޙައްމަދެވެ.
މިމަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އަޙުމަދު އަދީބާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤު އިބްރާހީމެވެ.
ޖުމްހޫރީޕާޓީގެ ރަޖިސްޓްރަރ އަޙުމަދު ސަޢުދު ވިދާޅުވީ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށެވެ. "މަޝްވަރާތައް ފަށައިގެން ވާހަކަ ދެއްކެން ފެށުމުން ކަންކަން ފާހަގަކުރެވޭނީ. އެކަންކަން ހުށަހަޅައި އެއަށް ޙައްލު ލިބޭނެ. މަޝްވަރާގެ ބޭނުމަކީއެއީ. އިރާދަ ކުރެއްވިއްޔާ މިއީ ކާމިޔާބު މަޝްވަރާތަކަށްވާނެ،" އަޙުމަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު