އަނިޔާވެރިކަން ނިންމަން ޖޫންމަހު މާލެއައުމަށް ރައްޔިތުންނަށް ޝިފާޒު ގޮވާލައިފި

ރައީސް ޔާމީނުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެއަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ވީހާވެސް ގިނަ ރައްޔިތުން އަންނަ ޖޫންމަހުގެ ފުރަތަމަ ހަފްތާގައި މާލެއައުމަށް އެމްޑީޕީގެ ނާއިބް ރައީސް މުޙައްމަދު ޝިފާޒް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
"އަނިޔާވެރިކަން ނިންމަން" މިނަމުގައި ހޮނިހިރު ދުވަހުގެ ރޭ ރ.ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ޖޫންމަހު ގިނައަދަދެއްގެ މީހުންނާއެކު މާލެއަރާނެ ކަމަށެވެ.
ފެބްރުއަރީ 27 ވަނަ ދުވަހާއި މޭޑޭގައި ބޭއްވި މުޒާހަރާއަށްވެސް ރަށްރަށުންވަނީ ގިނަޢަދަދެއްގެ މީހުން މާލެ ޖަމާވެފައެވެ. ޖޫންމަހުގެ މުޒާހާރައަށް ފަންސާސްހާސް މީހުން އެއްކުރާނެ ކަމަށް ގައުމީ ހަރަކާތުގެ ލީޑަރުންވަނީ ބުނެފައެވެ.ޝިފާޒު ވިދާޅުވީ މިފަހަރުވެސް މާލެއަންނަވާނީ ފިސާރި ކެރިންގެ ކަމަށެވެ. މާލެއައުމުގެ ހުރިހާކަމެއްވެސް ހަމަޖެހޭނެ ކަމަށާއި ވަގުތު ޖެހެންދެން ތައްޔާރަށް ތިބުމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށް ވިދާޅުވެ އެކަން ޝިފާޒު ސިފަ ކުރައްވާފައިވަނީ "ކޮޅިގަނޑު" ގެ ގޮތުގައެވެ. "ޖޫން ޖުލައިގެ މި ކޮޅިގަނޑުގައި އަޅުގަނޑުމެންގެ މިފްލީޓް ފިސާރި ކެރިގެން މާލެ އަރާނަން. ތިޔަބޭފުޅުން ތައްޔާރު ވާންވީ،" ޝިފާޒު ވިދާޅުވިއެވެ.
ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އިލްތިމާސްކޮށް އަނިޔާވެރިކަން ނުހުއްޓުމުން ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. ދެން ގެއަށްވަންނާނީ އަނުޔާ ވެރިކަމުން ރާއްޖެ ސަލާމަތްކޮށް ރައީސް ނަޝީދުވެސް މިނިވަން ކުރެއްވުމަށްފަހު ކަމަށް ޝިފާޒު ރޭ ވިދާޅުވިއެވެ.
މި ރާއްޖޭގައި މިހާރަކު އިންސާފް އަދުލުވެރިކަމެއް ނެތްކަމަށާއި، އެކަންކަމަކީ ރާއްޖޭގައި ގާއިމްކުރެވެންޖެހޭނެ ކަންކަން ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ. އެމްޑީޕީ އުފެދުމުގެ ކުރިންވެސް އެޕާޓީގެ އިސްބޭފުޅުންވަނީ އެކަން ފަށްޓަވާފައި ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެމަސައްކަތުގައި ސަރުކާރުން ކިތަންމެ ވަރަކަށް ދަތިކުރިޔަސް ދެން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ މޭޑޭގައި ފުލުހުން ހައްޔަރުކުރި 200 އެއްހާ މީހުންވެސް ޖޫންމަހުގެ އެއްވުމުގައި ބައިވެރިވާން ތިބީ ކެތްމަދުވެފައި ކަމަށެވެ. އެހެން ކަމުން އެމީހުންނާއެކު އަދިވެސް އިތުރު މީހުން އެދުވަހަށް މާލެއައިސް އަނިޔާވެރިކަން ނިންމަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ބޮޑު އެއްވުމަކަށް އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ތައްޔާރުވަމުން މިދަނީ ސަރުކާރާއެކު މަޝްވަރާކުރުމަށް ސަރުކާރުން ދަޢުވަތު ދީފައިވާ ވަގުތެއްގައެވެ. ސަރުކާރާ މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކުންވަނީ ޝަރުތުތަކެއް ނުރަސްމީކޮށް ހުށަހަޅާފައެވެ.
އެކަމާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ވިދާޅުވީ އެ ޝަރުތަކާމެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ މަންފާއަށް ކުރަމުންދާ މަސައްކަތް މިހާރަށްވުރެވެސް ހަލުއިކޮށް ކުރިއަށް ގެންދިޔުމަކަމަށެވެ. ސަރުކާރަށް އަބަދުވެސް މުހިންމުވާނީ މުޅީ ގައުމުގެ ކަމަށާއި ވަކި ފަރުދުންނަށްވުރެ ބޮޑަށް ގައުމު އިސްކުރުމަކީ އިދިކޮޅު ޕާޓީތަކުންވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު