އެމްޑީޕީ ރައީސަކީ ނަޝީދު ކަމަށް ލިޔެފައިވަނީ ހިތްތަގައި، ކަރުދާހުގައި ލިޔާ އެއްޗަކުން އެމަޤާމެއް ނުގެއްލޭނެ- ޝިފާޒު
އެމްޑީޕީ ރައީސަކީ ނަޝީދު ކަމަށް ލިޔެފައިވަނީ ރައްޔިތުންގެ ހިތްތަގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ކަރުދާހުގައި ލިޔެގެން ފާސްކުރާ ބިލަކުން ރައީސް ނަޝީދުގެ މަޤާމެއް ނުގެއްލޭނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ޝިފާޒު މިހެން ވިދާޅުވީ ރައީސް ނަޝީދަށް އެ ޕާޓީގެ ރައީސްކަން ގެއްލޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ފާސްކޮށް ތަސްދީގު ކުރުމުން "ދުވަސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ރައީސް ނަޝީދަކީ ރައްޔިތުންގެ އަދި އެމްޑީޕީގެ ލީޑަރުކަން ވަނީ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނަގާފައި. އެހެން ކަމުން ކަރުދާހުގައި ލިޔެފައިވާ އެއްޗަކުން އެކަމެއް ނިގުޅައި ނުގަނެވޭނެ،" ޝިފާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދިވެސް އެމްޑީޕީގެ ލީޑަރަކީ ނުވަތަ ރައީސަކީ ރައީސް ނަޝީދު ކަމަށެވެ. އެމަނިކުފާނު އެމަގާމަށް އިންތިޚާބުކުރީ ވެސް ރައްޔިތުން ކަމަށާއި އެމަގާން ނިގުޅައިގަނެވެނީވެސް ރައްޔިތުންނަށް ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީގެ ރައީސް ކަމަށް އިތުރު މީހަކު ހޮވުމުގެ ވިސްނުމެއްވެސްނެތް ކަމަށް ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސް ކަން ގެއްލޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެންބަރ ޖަމީލް ޢުސްމާނެވެ. އެ އިސްލާޙު ފާސްވެ ތަސްދީގު ކުރުމުން އެމްޑީޕީގެ ރައީސްގެ މަޤާމު ރައީސް ނަޝީދުގެ ކިބައި ގެއްލިގެންދާނެއެވެ.
ޝިފާޒު ވިދާޅުވީ މިސަރުކާރުން ގެންދަނީ ރައީސް ނަޝީދުގެ އިތުރަށް ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް އަނިޔާވަމުން ކަމަށެވެ. އެހެން ކަމުން އެފަދަ ޢަމަލު ހިންގުން ހުއްޓާލައި އިންސާފު ޤާއިމް ކުރުމަށް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ޝިފާޒުވަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު