އިސްލާމިކް މިނިސްޓަރ އިސްތިއުފާ ދެއްވައިފި
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވިކަން އިޢުލާން ކުރައްވާފައިވަނީ މިއަދު ކުރައްވާފައިވާ ޓީވީޓެއްގައެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ކެބިނެޓުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށެވެ.
އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވުމުގެ ކުރިން އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓުތަކުގައި ވިދާޅުވެފައިވަނީ އެމިނިސްޓްރީން ފަށައިފައިވާ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ކުރިއަށްދާނެ ކަމަށެވެ.
އޭގެތެރޭގައި، މަދީނާގެ އިސްލާމިކް ޔުނިވާރސިޓީއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޮންފަރެންސް ކަނޑައެޅިފައިވާ ތާރީޚުގައި ކުރިއަށް ދާނެކަމަށާއި، ޙައްޖު ކޯޓާއަށް އިތުރުވާ އެއްހާސް ކޯޓާ މިއަހަރުން ފެށިގެން ބޭނުން ކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ވަޤުފް ބިލްޑިންގާއި، ހާފިޒުން ތަމްރީން ކުރަން ހިނގާ ޕްރޮގްރާމްވެސް ކުރިއަށްދާނެ ކަމަށް ވިދާޅވިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވީ ޢަދާލަތުޕާޓީއަށް ނިސްބަތްވާ ސިޔާސީ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ހޮނިހިރު ދުވަހު އެޕާޓީން ފާސްކުރައްވާފައިވަނިކޮށްނެވެ. ނަމަވެސް ޝަހީމް އިސްތިއުފާ ދެއްވީ އެނިންމުމަށް އިޙްތިރާމް ކުރަންކަމެއް ނުވަތަ އަމިއްލަފުޅަށް ކަމެއް ސާފުވާ ގޮތެއް ނުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު މިއަދުވަނީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި ވަރަށް އަސަރާއެކު ވާހަކަފުޅު ދައްކަވާފައެވެ. އެދެއްކެވި ވާހަކަ ފުޅުގައި ޢަދާލަތުޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަކީ މީގެ ވިއްސަކަށް އަހަރުކުރިންވެސް އެމަނިކުފާނާ ވަރަށް ގާތްބޭފުޅެއް ކަމަށް ވިދާޅުވި ކަމަށް ބައްދަލުވުގެ ބައިވެރިއަކުވަނި ބުނެފައެވެ.
ޢިމްރާން ހައްޔަރުކޮށްފައިވާ މައްސަލާގައި ރައީސް ޔާމީނާވެސް ޝަހީމް ބައްދަލު ކުރެއްވި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ޝަހީމްގެ އިތުރަށް ޢަދާލަތުޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސަދުﷲ ޝާފިޢީއާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ލަޠީފާއި ޑެޕިއުޓީ މިނިސްޓަރ ޙައިޝަމް މުޙައްމަދާއި، އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙިޝާމް އަޙްމަދު ހިމެނެއެވެ. އޭގެ އިތުރަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ފަޔާޒު ހިމެނި ވަޑައިގަންނަވައެވެ. ޢަދާލަތުގެ ގޮވާލުމަށް ޖެންޑަރ އިޖާބަ ދެއްވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ކުރިން އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު