އަދީބަކީ އަޅުގަނޑުމެން މަޝްވަރާކުރަން ކުފޫ ހަމަވާ ބޭފުޅެއްނޫން-އިމްރާން
ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބަކީ އިދިކޮޅު ފަރާތްކުން މަޝްވަރާ ކުރަން ކުފޫ ހަމަވާ ބޭފުޅެއްނޫން ކަމަށް މޭޑެގެ ޙަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހުންނެވި ޢަދާލަތުޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަނީ ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބު ކަމަށް ކަނޑައަޅުއްވައި ސަރުކާރާ ވާހަކަ ދެއްކެވުމަށް ދަޢުވަތުދީ މިއަދު ސިޓީއެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އަދީބަކީ މަޝްވަރާ ކުރުމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށާއި އެއީ "ފާސިދެއް" ކަމަށް އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދީބުގެ ބަދަލުގައި ވާހަކަ ދައްކަވަން ބޭނުންވަނީ ސީދާ ޤައުމުގެ ވަލިއްޔުލް ޢަމްރު (ރައީސް ޔާމީން) އާ ކަމަށެވެ. އަދި އެއީ މިޤައުމުގައިހުރި އެންމެ ބޮޑު "މުޖުރިމު" ކަމަށާއި އެންމެބޮޑު "ފެއިލިއަރ" ކަމަށްވެސް ވިދާޅުވިއެވެ. ކޮންމެ މީހަކުވެސް އަދީބާއި އަދީބު ގެންގުޅެއް ކުދިންނަށް ޚާއްސަ ޓެކްސް އެއް ދައްކަން ޖެހޭކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ ސިފައިނާއި ފުލުހުން ނެރެގެން ބާރުގެ ބޭނުންކޮށްގެން ޙައްލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މިކަން ޙައްލު ކުރުމަށް ރައީސް ޔާމީން ވަޑައިގެން އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު މައްސަލަ ޙައްލު ކުރެއްވުމަށްވެސް އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަގުމައްޗަށް ނުކުންނަށް ޖެހުނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ހަނިކޮށް، "އެޙައްޤުތައް ނިގުޅައިގަނެ އެތަކެއް އަހަރެއް ފަހަތަށް އަޅުގަނޑުމެން ޖައްސާތީ،" ކަމަށެވެ.
މޭޑޭގެ ޙަރަކާތް ފަށާނީ އެދުވަހުގެ ޢަސްރު ނަމާދަށްފަހު ކަމަށް އިމްރާން ވިދާޅުވިއެވެ. ޙަރަކާތްތައް ފަށާނީ ހެދިގޮނޑުދޮށު ސަރަޙައްދުން ކަމަށްވެސް ވިދާޅުވިއެވެ. ޙަރަކާތް ފަށައިގެން "މަޖީދީ މަގުން ހުޅަނގަށް ގޮސް، އިރު އޮއްސޭއިރު މަޖީދީ މަގުގެ ހުޅަނގުކޮޅުގައި މަޣްރިބް ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައި" އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު