އެންމެ އުފާވާނީ އަފްރާޝީމްގެ ޤާތިލުންގެ މައްޗަށް މަރުގެ ޙުކުމް އިއްވާދުވަހު-ރައީސް ޔާމީން
އެންމެ އުފާވާނީ ޑރ . އަފްރާޝީމް ޢަލީގެ ޤާތިލުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރާދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މުލީއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިިކުފާނުގެ ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ. ފުރަތަމަ ތަންފީޒު ކުރެވޭ ޙުކުމަކީ އަފްރާޝީގެ ޤާތިލުންގެ މައްޗަށް ތަންފީޒު ކުރެވޭ ޙުކުމަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅިގެން ދަށުކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ޙުމާމުގެ މައްސަލަ މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
މިއަހަރުގެ ތެރޭގައި ހައިކޯޓާއި ސްޕްރީމް ކޯޓުގެ މަރުހަލާ ނިމޭނެ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސްޕްރީމް ކޯޓުގެ މަރުޙަލާ ނިމި ޙުމާމުގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި ކަމަށްވާނަމަ އެޙުކުމް މިއަހަރު ތަންފީޒު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުޢީ ކޯޓުތަކުން އިއްވާ ޙުކުމްތައް މިސަރުކާރުން ތަންފީޒު ކުރައްވާނެ ކަމަށެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްވެގެންދަނީ އެފަދަ ޙުކުމްތައް ތަންފީޒު ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު