އިންޑިއާ މަތިން އުދުހުމުގެ ހުއްދަ ލިބުމުން ދިވެހިން ބަލާ ފުރާނެ-މިނިސްޓަރ

ނޭޕާލްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އަންނަން ބޭނުންވާ މީހުން ބަލައިދިޔުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފުލައިޓް އިންޑިއާ މަތިން އުދުހުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ފުރާނެ ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ނޭޕާލުގައި މިވަގުތު ތިބި ދިވެހީން ރާއްޖެ ގެންނަނީ، މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެޤައުމަށް ކުރިމަތިވި ބިންހެލުމުގެ ކާރިސާއާ ގުޅިގެންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ އެމީހުން ބަލާދާ މޯލްޑިވިއަންގެ ބޯޓު މިހާރުވެސް އޮތީ ތައްޔާރަށް ކަމަށެވެ. އެދަތުރު ކުރުމަށް ނޭޕާލުން ބޭނުންވާ ހުރިހާ ހުއްދައެއް މިހާރު ލިބިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު މަޑުކޮށްގެން ތިބީ ހަމައެކަނި އިންޑިއާއިން ބޭނުންވާ ހުއްދަ ލިބެންދެން ކަމަށްވެސް ވިދާޅުވިއެވެ. އިންޑިއާގެ މަތިން މޯލްޑިވިއަން އުދުހުމަށް ބޭނުންވާ ހުއްދައަށް ދިވެހި ސަރުކާރުން މިހާރުވަނީ އެދިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނޭޕާލުގައި މިވަގުތު 100 ދިވެހިން އެނަތިބި ކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އޭގެ ތެރެއިން 14 މީހުން މިހާރުވަނީ އިންޑިއާއަށް އެތެރެވެފައި ކަމަށްވެސްމިނިސްޓަރ ވިދާޅުވިއެވެ. އެއީ އިންޑިއާގެ ބޯޑަރާ ކައިރީގައި ތިބި މީހުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނޭޕާލުގެ އެކި ސަރަޙައްދުގައި ތިބި ދިވެހީން ކަތުމަންޑޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު