ކޯޕަރޭޓް ރެސިޑެންސް ވިސާ ތަޢާރަފްކޮށްފި

ކޯޕަރޭޓް ރެސިޑެންސް ވިސާ މިރޭ ތަޢާރަފް ކޮށްފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ކޯޕަރޭޓް ރެސިޑެންސް މޯލްޑިވްސް ވިސާ ތަޢާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
މިއީ ރާއްޖެގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ތަޢާރަފްކުރި ވިސާއެކެވެ. މިވިސާ ލިބޭނީ 50 މިލިއަން ޑޮލަރަށްވުރެ ގިނައިން އިންސްޓްކުރާ އިންވެސްޓަރުންނަށެވެ. އެފަދަ އިންވެސްޓަރުން ސެކިޔުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްމިލިއަން ޑޮލަރު ދިވެހި ބޭންކުގައި ބަހައްޓަން ޖެހެއެވެ. މި ވިސާލިބޭ ފަސް ފަރާތަކާ މިރޭ ވަނީ ވިސާ ލިބޭކަމުގެ ލިޔުން ޙަވާލުކޮށްފައެވެ. އެ ލިޔުން ޙަވާލު ކޮށްދެއްވީވެސް ރައީސް ޔާމީނެވެ. އެފަރާތްތަކަކީ ބަޙުރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ، އެޗްޑީއެފްސީ އިންވެސްޓްމަންޓް، ސީ ޕްލޭން ހޯލްޑިން، މޮރިޝަސް ކޮމާޝަލް ބޭންކް، ހިޓާޗީ ލިމިޓެޑެވެ.
ދިވެއްސަކާ ކައިވެނި ކުރުން ފިޔަވައި، ދިވެހިންނަށް ލިބޭ ހުރިހާ ޢިނާޔަތެއް މި ވިސާގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ލިބޭނެ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.
މި ވިސާ ލިބޭ ފަރާތްތަކަށް އެއަރޕޯޓް ވީއައިޕީ ލޯންޗަށް ވަނުމުގެ ހުއްދަ ލިބިގެންދާނެއެވެ. އޭގެ އިތުރަށް އެފަދަ އިންވެސްޓަރުންގެ ގޭގައި ބޭރު މުވައްޒަފުން ގެންގުޅުމުގެ ފަސޭހަކަންވެސް ލިބިގެންދާނެއެވެ. އަދި އިތުރަށް ޚިދުމަތް ލިބިގަންނަ ކިޔުތަކުގައި، ތިބެން ނުޖެހުމާއި، ދާއިމީކޮށް ރާއްޖޭގައި ތިބެވުމާއި، ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ލިބުން ހިމެނެއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރި ކަމާބެހޭ ވަޒީރު އަޙުމަދު އަދީބު ވިދާާޅުވީ މިއީ ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ އަހަރު އިޤްދިސާދީ ކޮމިޓީއާ ޙަވާލުކުރައްވާފައިވާ ކަމެއް ކަމަށެވެ.
މި ވިސާގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އިންވެސްޓަރުން އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު