ފަރެސްމާތޮޑާގައި ކަދުރު ރުކެއް ފޯދި ގިނަ ޢަދަދަކަށް ކަދުރު އަޅައިފި

ހުވަދު އަތޮޅު ދެނުބުރީ ފަރެސް މާތޮޑާ ފަރެސް އަވަށުގެ ބުލްބުލާގޭ ގޯތިތެރޭގައި ފެޅި ކަދުރު ރުކެއް ފޯދި އެރުކުގައި ކަދުރުއަޅައިފިއެވެ.
އެގެއިން ވާހަކަ ދެއްކި ޝިޔާޒު ޢަބްދުލް ހާދީ ބުނީ އެރުކަށް މިހާރު 7 އަހަރުވެފައިވާ ކަމަށެވެ. ހަތްއަހަރު ތެރޭގައި 3 ފަހަރު ކަދުރު އެޅި ކަމަށް އޭނާ ބުންޏެވެ. "ފުރަތަމަ ކަދުރު އަޅާފައިވަނީ ދެހާސް ބާރަވަނައަރު. އެފަހަރު ކަދުރު އެހާގިނައިން ނުނިކުމޭ. ދޮން ނުވަނީސް ބިނދެގެން ކުދިވެރިން ކެއީ. ދެވަނަފަހަރަށް އެޅި ކަދުރު ދޮންނުވަނީސް ބަހާލީ،" ޝިޔާޒު ބުންޏެވެ.
އެ ރުކުގައި ތިންވަނަ ފަހަރަށް ކަދުރު އަޅާފައިވަނީ މިއަހަރުއެވެ. މިއަހަރު އެޅި ކަދުރު ދޮންވެ ފައްކާވަންދެން ބެހެއްޓުމަށް އޭނާވަނީ ނިންމާފައެވެ. "މިއީ އެންމެ ގިނައިން ކަދުރު އެޅި ފަހަރު. އެންމެ ބޮޑު ކަދުރުއެޅީވެސް މިފަހަރު. އެހެންވެ ކަދުރު ދޮންވެ ފައްކާވަންދެން ބަހައްޓައިގެން މިތިބީ،" އޭނާ ބުންޏެވެ.
ޝިޔާޒު ބުނީ އެއީ ހެއްދި ރުކެއް ނޫންކަމަށެވެ. އެއީ އޭގެ ޒާތުގައި ހެދުނު ރުކެއް ކަަމަށެވެ. "އެއީ އެއް ރޯދަމަހަކު ކަދުރުކައިފައި އެއްލި އޮށަކުން ފެޅި ރުކެއް. ރުއްވަކި ވަރަކަށް ބޮޑުވުމުން މަންމަ އުޅުނު ކަނޑާލަން. ނުކަނޑާ ބެހެއްޓީ ރީއްޗަކަށޭ ކިޔާފައި. ކުއްލިއަކަށް ފެނުނީ ރުއް ފޯދިފައި ހުއްޓާ. ރުއް ފޯދުމަށްވުރެ ބޮޑަށް ހިތްހަމަޖެހުނީ ބޮޑެތި ކަދުރު އަޅަން ފެށުމުން،" އޭނާ ބުންޏެވެ. އޭނާ ބުނީ އެރުކުގައި އަޅާ ކަދުރުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކަދުރުގައި އޮށެއް ނޯންނަ ކަމެވެ. އެރުކުގެ ދިގުމިނުގައި ގާތްގަނޑަކަށް 15 ފޫޓު ހުންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
"އެރުކުގައި އަޅާ ކަދުރުގައި އޮށެއް ނޯވޭ. ނަަމަވެސް ވަރަށް މަދު ކަދުރެއްގައި ހިމަހިމަ އިލޮށި ކޮޅެއްވަރުގެ އޮށެއް އޮވެދާނެ. އެއީވެސް ވަރަށް މަދުން" އޭނާ ބުންޏެވެ.
މީގެ ކުރިން ފަރެސް މާތޮޑާގައި ކަދުރު ރުކެއް ފޯދި ކަދުރުއަޅާފައެއް ނުވެއެވެ. އަދި މުޅި ރާއްޖެއަށް ބެލިޔަސް ވަރަށް މަދުންނޫނީ ކަދުރު އަޅާފައެއް ނުވެއެވެ. އެޅިޔަސް ކަދުރުތައް ހުންނަނީ ވަރަށް ކުދިކޮށްނެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ ރާއްޖޭގައި ކަދުރު ރުއް ހެދޭ ކަަމަށެވެ. ނަަމަވެސް ފޯދި ކަދުރުއަޅަނީ ވަރަށް މަދުން ކަަމަށެވެ.
ކަދުރުގެ އިތުރަށް އެރަށުގައި އާފަލުވެސްވަނީ ހެދިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާތޮޑާ އަވަށުގައި މޭބިސްކަރުވެސް ވަނީ ހެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު