ފެބުރުއަރީ 27 ގައި ނުކުތް މީހުންގެ ދެ ގުނަ މެއިޑޭ ގައި ނުކުންނާނެ-އެމްޑީޕީ

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މޭޑޭގައި މަގުމައްޗަށް ނުކުންނާނެ މީހުންގެ ޢަދަދު ފެބްރުއަރީ 27 ވަނަ ދުވަހުގެ ނުކުތް މީހުންގެ ދެ ގުނަ އިތުރުވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) ޢަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން" ގެ ނަމުގައި ކ. ދިއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ބިރުދައްކަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މި ސަރުކާރަށް ދެން ދެއްކޭނޭ ބިރެއް ނެތް ކަމަށެވެ.
ފެބްރުއަރީ 27 ގައި ބައިވެރިވި ފަރާތްތަކަށް ވެސް ސަރުކާރުން ބިރުދެއްކި ނަމަވެސް އެތައްހާސް ބަޔަކު އެ އެއްވުމުގައި ބައިވެރިވިކަމަށް ވިދާޅުވިއެވެ."ފެބްރުއަރީ 27 އަށް ރަށްރަށުން މާލެ އަންނަ ޚަބަރު ލިބުމުން (ސަރުކާރުން) ރާއްޖެތެރޭ މީހުން މާލެ އަރައި މާލޭގެ މީހުންނަށް އުނދަގޫ ކުރާނަމަ ފިޔަވަޅުއަޅާނެ ކަމަށް ބުނެ މިދަރަޖައަށް ބިރުދެއްކި. އެހެން ނަމަވެސް ރަށްރަށުން މީހުން އައި. މިފަހަރު ވެސް އަންނާނެ،" އޭނާ ވިދާޅުވިއެވެ. [
ނިޔާ ވިދާޅުވީ އިރާދަކުރެއްވިއްޔާ މެއި މަހުގެ އެއް ވަނަ ދުވަހަކީ ނަތީޖާ ނެރެވޭނޭ ދުވަސް ކަމަށެވެ. ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ މޭޑޭ އަކީ ނަތީޖާ ނެރޭނެ ދުވަސް ކަމަށެވެ. އެދުވަހަށް ވީހާވެސް ގިނަބަޔަކު މާލެއައިސް މޭޑޭގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް ގުޅިފައިވާ ޕާޓީތަކުންވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު ފަލާހުވެސް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. މާލެސިޓީ ކައުންސިލްގެ އިމާރާތާއި ބިންވެސް ވަނީ އަނިޔާވެރިކަމުގެ ތެރެއިން ސަރުކާރަށް ނަގާފައި ކަަމަށް ވިދާޅުވިއެވެ. އެގޮތަށް ދިއްފުށީ ކައުންސިލަކީ ވެސް އެމްޑީޕީގެ ކައުންސިލަކަށް ވާތީ އާއި، ރޭގެ ޖަލްސާ އެރަށުގައި ބޭއްވީތީ ކައުންސިލާ މެދުވެސް ސަރުކާރުން ފިޔަވަޅުއަޅައިފާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު