ހިތަދޫ ގެއެއްގެ ގޯތިތެރެއިން ފެނުނު ހަރުފައެއް މަރާލައިފި

image ހިތަދޫން ރޭ ފެނުނު ހަރުފަ-ފޮޓޯ ޕޮލިސް

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ގޯތި ތެރެއިން ފެނުނު 5 ފޫޓް 7 އިންޗީގެ ހަރުފައެއް މަރާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެހަރުފަ ފެނިފައިވަނީ އަތިރިމައްޗާ ވަރަށްކައިރީގައި ހުންނަ ގެއެއް ކަމަށްވާ ސިވާރުގޭ ގޯތިތެރެއިންނެވެ.

އެ ގޯތިތެރެއިން ހަރުފަ ފެނުމުން އެ މަރާލައިފައިވަނީ އެގޭ ކައިރީގައި ދިރިއުޅޭ ބަންގްލަދޭޝްގެ ބައެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެ ހަރުފަ ފެނިފައިވަނީ ބަންގްލަދޭޝް މީހުންނަށް ކަމެއް ނުވަތަ އެގޭ ދިރިއުޅޭ މީހުންނަށް ކަމެއް ޔަޤީންވެފައެއް ނުވެއެވެ. ބައެއް މީހުން ބުނެފައިވަނީ އެގޭ ގޯތިތެރެއިން ހަރުފަ ފެނިގެން އެގޭ މީހުން ހަޅޭއްލެވި އަޑަށް ބަންގްލަދޭޝް މީހުން އައިސް ހަރުފަ މަރާލީ ކަމަށެވެ.

ހަރުފަ ފެނިފައިވަނީ މިރޭ 21:30 އެހައިކަންހާއިރުއެވެ. ހަރުފަ ފެނުމުން އާންމުންގެ މީހަކު ފުލުހުންނަށް ރިޕޯޓު ކުރުމުން ސިފައިންނާއި ފުލުހުން އެ ގެއަށް ދިޔައެވެ. އޭރު ހަރުފަވަނީ މަރާލައިފައެވެ. ހަރުފަ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަރުފަ ފެނުނު ގެ ހުންނަނީ ކުރިން ކުނިގޮނޑެއްގެ ގޮތުގައި ބޭނުންކުރި ސަރަޙައްދެއްގެ ކައިރީގައެވެ. މިހާރުވެސް އެތާގައި ގިނަ ކުނި ހުންނަ ކަމަށްވެއެވެ. ހަރުފަ އެއްގަމަށް އަރައިގެން އައީ އެދިމާއިން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެއީ "އޮޅުކޮށްގެން" ގެންގުޅޭ އެއްޗެއް ނޫންކަމުގެ ޔަޤީންކަން އެމީހާ ދިނެވެ.

ފުލުހުން ބުނީ އެކަން ހިނގައި ދިޔަގޮތް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް