ހައްދުމަތީ ފޮނަދޫގައި ކްލައިމެޓް ފޯރަމެއް ބާއްވައިފި

image ްމިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމ

"ލާމު ކްލައިމެޓް ޗޭންޖް ފޯރަމް" ގެ ނަމުގައި ހައްދުންމަތީ ފޮނަދޫގައި މިއަދު ފޯރަމެއް ބާއްވައިފިއެވެ.

މިއީ ލޯ އެމިޝަން ކްލައިމެޓް ރެސިލިއެންޓް ޑިވެލޮޕްމަންޓް (ލެކްރެޑް) ޕްރޮގްރާމްގެ ދަށުން ބޭއްވި ފޯރަމެއް ކަމަށް ތިމާވެއްޓާއި ޙަކަތައާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

މި ފޯރަމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.

ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފާއިތުވެދިއަ އަހަރު ލެކްރެޑް ޕްރޮގްރާމްގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިގޮތުން ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ވަލްނަރަބިލިޓީ ފީލްޑް އެސެސްމަންޓާއި، ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމަށް އެކުލަވާލެވުނު ރެސްޕޯންސް ޕްލޭންތަކާއި އަދި ލާމު އަތޮޅުގައި ސެންޓްރަލް ޕަވަރ ސިސްޓަމެއް ގާއިމުކުރުމަށް ކުރިއަށްގެންދެވުނު ފީސިބިލިޓީ ސްޓަޑީ ވާހަކަ ވަނީ ދައްކަވާފައެވެ.

މި ޕްރޮޖެކްޓެގެ ދަށުން ލާމު އަތޮޅުގެ ދުވާލުގެ ކަރަންޓުގެ ޑިމާންޑުގެ 30% އާ އެއްވަރަށް އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކުނީގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭން ތަކެއް އެކުލަވާލެވި އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރެވެމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށާއި، ފެނާއި ކަރަންޓާއި އަދި އެހެނިހެން އިޖްތިމާއީ އަދި އިޤްތިސާދީ ދާއިރާތަކަށް އަމާޒުކޮށްގެން އާއްމު ފަރުދުންނަށާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލެވޭ "ސްމޯލްގްރާންޓް" ސްކީމެއް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވިއެވެ.

އާންމުންނަށް ހުޅުވާލައިގެން މިފަދަ ފޯރަމްތައް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއްކަން މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ. މި ފޯރަމް ތެރެއިން މުޖުތަމައުގެ އެކި ދާއިރާތަކުގެ ފަރާތްތަކުގެ ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރެވޭނެއެވެ. މިގޮތުން ލިބޭ ޚިޔާލުތަކާއި އެކިއެކި ފަރާތްތަކުގެ ތަޖުރިބާއަކީ މުސްތަގްބަލުގައި މަޝްރޫއުތައް ފުރިހަމަކަމާއެކު ރޭވުމަށްޓަކައި ބޭނުންތެރި ޚިޔާލުތަކެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ލެކްރެޑް ޕްރޮގްރާމަކީ ޑެންމާކް ސަރުކާރުން ދެއްވާ ހިލޭއެހީގެ ދަށުން3 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރާމް އިމްޕްލިމެންޓްކުރަނީ ދިވެހި ސަރުކާރާއި ޔޫ.އެން އޭޖެންސީތައް ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement