ގައިދީންގެ ހުނަރު ދައްކައިލުމުގެ ފެއަރ މިއަދު ފަށައިފި

image މިއަދު ހުޅުވި ފެއަރގައި ގައިދީން ބައިވެރިކޮށްފައިވާ ބައެއް ސާމާނު- ފޮޓޯ ދުވަސް

ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ހުނަރު ދައްކައިލުމަށް ބާއްވަމުން ގެންދާ "ކްރިއޭޓިވިޓީ ފެއަރ" ނެޝަނަލް އަރޓް ގެލެރީގައި މިއަދު ހުޅުވައިފިއެވެ.

މި ފެއަރ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއެވެ. 2009 ވަނަ އަަހަރުން ފެށިގެން ބާއްވަމުން ގެންދާ މިފެއަރ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ ޝައިނީ ވަނީ ގައިދީންގެ މަސައްކަތުން ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ބައްލަވާ ލައްވާފައެވެ.

މިއީ މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފެއަރއެކެވެ. މި ފެއާގައި ބައިވެރިކޮށްފައިވަނީ ގައިދީން ލަކުޑިން ހަދާފައިވާ ތަފާތު ސާމާނުގެ އިތުރަށް ގައިދީން ހައްދާފައިވާ ގަސްގަހާގެހީގެ ބާވަތްތަކެވެ.

މިފެއަރއިން ގައިދީންގެ އުފެއްދުންތައް ގަންނަން ލިބޭނެއެވެ. އެތަނުން ގަންނަން ލިބޭ ސާމާނު ގަންނަ މީހުންނާ ހަވާލު ކުރާނީ ހޮނިހިރު ދުވަހު ކަމަށް ކޮމިޝަނަރ އޮފް ކަރެކްޝަންސް މުޙައްމަދު ހުޝާމް ވިދާޅުވިއެވެ. ހުޝާމް ވިދާޅުވި އެސާމާނު ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ކަރެކްޝަނަލް ސެންޓަރުގެ ކޯޕަރޭޓިވް ސޮސައިޓީގެ އެކައުންޓަށް ކަމަށެވެ. އެސާމާނު ވިއްކައިގެން ލިބޭ އެއްޗަކުން ސީދާކޮށް ގައިދީންނަށް މަންފާއެއް ނުކުރި ކަމަށްވިޔަސް އެމީހުންނަށް "މުސާރަ" ދިނުމަށް އެފައިސާ ބޭނުން ކުރެވޭނެ ކަމަށްވެސް ހުޝާމް ވިދާޅުވިއެވެ.

މި ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތުލައި ގުރުއަތުން ދިމާވާ މީހަކަށް އިނާމުތަކެއް ވެސް ހުށަހަޅާފައިވެއެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް ލަންކާގެ ދެކޮޅު ޓިކެޓް ލިބޭނެއެވެ.

މިފެއާގައި ތަކެތި ބައިވެރިކޮށްގެން ވަނަ ހޯދި ފަރާތްތަކަށް ފައިސާގެ އިނާމްވެސް އިއްޔަވަނީ ހަވާލުކޮށްފައެވެ. އިނާމްގެ ގޮތުގައި ލިބުނު ފައިސާ ޖަމާކުރާނީ އެގައިދީއެއްފެ އަމިއްލަ އެކައުންޓަށެވެ.

ފެއާގައި ބައިވެރިވި ގައިދީއަކު ބުނީ މިހާރަށްވުރެވެސް ރަނގަޅަށް މިފެއާކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން ބައިވެރިކުރާ އެއްޗެހި ވިއްކައިގެން ލިބޭ އެއްޗެއް ގައިދީންނަށް ލިބޭނެ ގޮތް ހެދުމުން އިޚްލާސްތެރި ކަމާއެކު މަސައްކަތްކޮށް އުފެއްދުންތައް އިތުރު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ކޮމިޝަނަރ ހުޝާމް ވިދާޅުވީ އެގޮތަށް ޢަމަލު ކުރުމަށް ހަމަޖެހިފައި ނުވާ ކަަމަށެވެ.

މިފެއަރ މިއަދުން ފެށިގެން ހޮނިހިރުދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ފެއަރ ހުޅުވާފައި ހުންނާނީ މިއަދާއި މާދަމާ މެންދުރު ފަހު 2:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މެންދުރުފަހު 2:00 އިން 6:00 އަށެވެ ރޭގަނޑު 8:00 އިން 11:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement