ފުލުހުންގެ ސީނިއަރ އޮފިސަރުން ޤާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ހިންގައިފި

image

ފުލުހުންގެ ސީނިއަރ އޮފިސަރުން ޤާނޫނުލް ޢުޤާބާތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ޕީނަލް ކޯޑު ސްޓޭކް ހޯލްޑަރސްގެ ނަމުގައި ހިންގި ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ބަންޑާރަ ނާއިބު މުޙައްމަދު އަނިލްއެވެ.

މިއީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ އިސްނެންގެވުމުގެ މަތިން އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅީގެން ބޭއްވި އެއް ދުވަހުގެ ޕްރޮގްރާމެކެވެ.

އެޕްރޮގްރާމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްއެވެ.

މިރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލް ދެއްކެވި ވާހަކަފުޅުގައި އައު ޤާނޫނުލް އުޤޫބާތަށް އަމަލުކުރުމަށް ތައްޔާރުވަމުންދާއިރު ފުލުހުން އިސްނަގައިގެން ޤާނޫނުލް އުޤޫބާތަށް އަހުލުވެރިވުމަށް މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ލާމަސީލު ނަމޫނާއެއްކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމް ފުލުހުން އަމިއްލައަށް އިސްނަގައިގެން ހިންގުމަކީ ޤާނޫނުގެ ބާރު ދަމަހައްޓައި ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ފެންބޮވައިގެންފައިވާ މިންވަރު ފެނިގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ ކިތަންމެ އިސް މަޤާމަކަށް ދެވުނު ކަމުގައިވީނަމަވެސް ތަޢުލީމު ހާސިލްކުރަންޖެހޭކަމަށާއި މަޢުލޫމާތު ހޯދައި ކަންކަމަށް އަހުލުވެރިވާން ޖެހޭކަމަށާއި އެކަން ފުލުހުންގެ ފަރާތުން ފެނިގެންގޮސްފައިވާކަމަށެވެ. އަދި އެމުޖުތަމަޢުއެއްގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްހަމައެއްގައި ފައިހަމަކުރުމަށް އަންނަ ބަދަލުތަކަށް ހޭނެންޖެހޭކަމަށާއި އެކަމަށް އަހުލުވެރިވުމަކީ މުހިއްމުކަމެއްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޤާނޫނުލް އުޤޫބާތަށް އަމަލުކުރަން ފަށާއިރު ޤާނޫނުލް އުޤޫބާތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ މި ޕްރޮގްރާމްތަކުގައި 1100 އެއްހާ މީހުން އަހުލުވެރިކުރެވިފައިވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމް މާލޭގެ އިތުރުން އަތޮޅުތަކުގައި ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒްކޮށްގެން ހިންގިފައިވާކަމަށްވެސް އަނީލް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައި ދެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް އާއި ޔޫއެންޑީޕީގެ ތަޖުރިބާކާރުންގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފުންނެވެ. މި ޕްރޮގްރާމުގައި ފުލުހުންގެ ސީނިއަރ އޮފިސަރުން 63 އޮފިސަރަކު ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް