މުސާރައަށް ހެޔޮބަދަލެއް ނުގެނެސް ބިލްތައް ބޮޑުކުރުމަކީ ބޮޑުއަނިޔާއެއް -ޢަލީ ވަޙީދު
ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް އެއްވެސް ކަހަލަ ހެޔޮ ބަދަލެއް ނުގެނެސް ބިލްތައް ބޮޑުކުރަމަކީ ސަރުކާރުން ރައްޔިތުންނަށްދޭ ބޮޑު އަނިޔާއެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.
ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލް ބޮޑުވެފައިވަނީ ވިޔަފާރިތަކަށް ދީފައިވާ ކަރަންޓް ސަބްސިޑީ މިދިޔަ މަހުން ފެށިގެން ކަނޑައިލުމުންނެވެ. ސަބްސިޑީ ކަނޑާލުމުން ކަރަންތް ބިލް ތިންގުނަ ބޮޑުވެފައިވާ ކަމަށް ކުޅުދުށްފުށީ ވިޔަފާރިވެރިއަކު ބުނެފައިވެއެވެ.
އެމައްސަލާގައި ކުޅުދުށްފުށްޓާއި، އައްޑޫ ސިޓީގައިވަނީ މުޒާހަރާ ކޮށްފައެވެ. އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިންވަނީ ކަރަންޓް ބިލް ފެނަކައަށް ހުށަހަޅާފައެވެ.
މިކަންކަން މިހެން ހިނގަމުންދާތީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން" ގެ ޙަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބަދައްދަލުވުމުގައި ޢަލީ ވަޙީދު ވދާޅުވީ ސިވިލް ސާރިވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައި ނުވުމުގެ އިތުރަށް ސިވިލްސާވިސްގެ އާ ވަޒީފާތައްވެސް ސަރުކާރުން މިއަހަރު އުފައްދާފައި ނުވާ ކަމަށެވެ. އެކަން ނުކޮށް "އިންތިހާއަށް ޓެކްސްތައް ނަގައި އިންތިހާއަށް ބިލްތައް ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑުއަނިޔާއެއް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކަރަންޓުގެ އަގު އިންތިހާއަށް ބޮޑުކުރުމުގެ ނަތީޖާއަކީ "ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ސަރަހައްދުތައް ކަމުގައިވާ އައްޑުއަތޮޅާއި ކުޅުދުށްފުށީ ރައްޔިތުން މަގުމަތީގައި މުޒާހަރާ ކުރަަންޖެހުން،" ކަމަށެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުނުކުރުމަށް އައްޑުއާއި ކުޅުދުށްފުށީ ރައްޔިތުންވަނީ ސަރުކާރާ ވާހަކަ ދައްކާފައި ކަމަށެވެ. އަދި ކަރަންޓުގެ އަގު ބޮޑުނުކުރުމަށް "އިލްތިމާސްކޮށް، އާދޭސްކޮށް ކޮށް ތިއްބައި ސަރުކާރުން އެއްވެސް ކަހަލަ ބަލާލުމެއް އެކަމާދޭތެރޭ ވިސްނުމެއްނެތި ރައްޔިތުންނަށް އަނިޔާކުރުމުގެ ސިލްސިލާގެ ތެރެއިން ކަރަންޓުގެ އަގު އިންތިހާއަށް ބޮޑުކޮށް ރައްޔިތުން ހާލުގައި ޖައްސާ ހިސާބަށް ގެންދިޔުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ޤަބޫލުކުރާ ކަމެއްނޫން. ރައްޔިތުންނަށް މިދެވެނީ ވަރަށްބޮޑު އަނިޔާއެއް،" ޢަލީ ވަޙީދު ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން" ގެ ޙަރަކާތުން ސަރުކާރަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ރައްޔިތުންގެ އެންމެ އާދައިގެ މީހާ ހަމައަށް މިފަދަ ކަންކަން ސަރުކާރުން ކުރަމުންދާނަމަ ރައްޔިތުން ޙާލުގައި ޖައްސާ މަގުމަތިކުރުުގެ ފަލްސަފާއެއް ސަރުކާރުން ގެންގުޅޭ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހިއްޖެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުންދާ "ބޮޑެތި ޓެކްސްތަކާއި، ޑިޔުޓީތަކާއި، ކަނޑުއްވާލާށޭ. އަދި ރައްޔިތުންނަށް ހެޔޮގޮތުގައި ހެޔޮއަގުގައި ޚިދުމަތްތަައް ފޯރުކޮށްދިނުމުގެ ވިސްނުމެއް ގެންގުޅޭށޭ. ރައްޔިތުންނަށް ހެޔޮގޮތުގައި އޯގާވެރި ގޮތުގައި ކަންކަން ކުރުމުގެ ވިސްނުން އިސްކުރައްވާށޭ. އާދެ އެހެން ކަމުން މިއަދު އަޅުގަނޑުމެން ވަރަށް ބޮޑަށް ސަރުކާރަށް އިލްތިމާސްކުރަން ރައްޔިތުންނަށް އިޤްތިސާދީ ގޮތުން ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް،" އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު