މާރާމާރީ ހިންގަން ބޭނުންކުރެވިދާނެ ސާމާނާއެކު ތިން މީހުން ހައްޔަރުކޮށްފި
މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ އާލާތްތަކަކާއެކު ތިން މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ދިދި ގޯޅި ތެރޭގައި އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން، މާލެތެރެ ހަރަކާތްތެރި ވަމުންދިޔަ މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނެވެ. އަދި މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ މި އާލާތްތައް ފެނިފައި ވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު އެ ގޯޅިތެރޭގައި ރައްކާކޮށްފައި ވަނިކޮށެވެ.
މި މައްސަލައާއި ގުޅިގެން އެ 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު 03 މީހުންވެސް ތިބީ މަސްތުގެ ޙާލަތުގައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 18 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 126 ފަހަރު ހުއްޓުވާ ސުވާލުކޮށް 16 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 06 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 04 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 20 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 158 ފަހަރު ހުއްޓުވާ ސުވާލުކޮށް 08 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 03 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 23 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 157 ފަހަރު ހުއްޓުވާ ސުވާލުކޮށް 15 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 08 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 03 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 03 މީހުންނަކީވެސް ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެކެވެ.
މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ އާލާތްތަކަކާއެކު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު