ގަލޮޅު ދެކުނުދާއިރާގެ މެންބަރ އަޙުމަދު މަހުލޫފް ހައްޔަރުކޮށްފި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަހުލޫފް މިރޭ ހައްހަރު ކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ "އަނިޔާވެރިކަމާ ދެކޮޅަށް" މިނަމުގައި އެމްޑީޕީއާއި އަދާލަޕާޓީއާއި ޖޭޕީ ގުޅިގެން މިރޭ މާލޭގައި ބޭއްވި މުޒާހަރާ އިންނެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މަހުލޫފް ހައްޔަރުކުރީ "ބެރިކޭޑް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާާ ސަރަހައްދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން" ކަމަށެވެ. މަހުލޫފުގެ އިތުރަށް އޭނާގެ އަމިއްލަ ބައެއް ހަށިފާރަވެރީންވެސް ހައްޔަރުކުރިއެވެ.
މަހުލޫފު ހައްޔަރު ކުރުމުން އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެދާއިރާގެ މިހާރުގެ ރައީސް އަޙުމަދު ޢީސާ ވިދާޅުވީ މަހުލޫފް ހައްޔަރު ކޮށްފައިވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. އެހެން ކަމުން އެމައްސަލަ ބަލައިދިނުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެގޮތަށް ހައްޔަރު ނުކުރެވޭނެ ކަމަށެވެ. މަހުލޫފް ހައްޔަރު ކޮށްފައިވަނީ ޒާތީކަމެއް އޮވެގެން ކަމެއްކުރާ ބީދައިން ކަމަށްވެސް އަޙުމަދު ޢީސާ ވިދާޅުވިއެވެ.
"މިރޭ ފުލުހުން ގާނޫނު އަސާސީ ނެގެހެއްޓީއެއްނޫން. މަޖިލީސް މެންބަރަކު އެގޮތަށް ހައްޔަރެއް ނުކުރެވޭނެ. މަހުލުފު ކުށެއް ނުކުރޭ. ކުރިހާވެސް ކަމަކީ ޤާނޫނު އަސާސީން ލިބިފައިވާ ޙައްގެއް ބޭނުންކުރީ،" އޭނާ ވިދާޅުވިއެވެ.
އެސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ބުނެފައިވަނީ މަހުލޫފް ހައްޔަރުކުރި މަންޒަރު ނުދައްކަން ފުލުހުން މަސައްކަތް ކުރިކަމަށެވެ.
މިރޭގެ މުޒާހަރާ މިހާރުވަނީ ރޫޅާލައިފައެވެ. ރޫޅާލުމުގެ ތެރޭގައި ބައެއް ފުލުހުންނަށް މުޒާހަރާގެ ބައިވެރިން ޙަމަލާދީ ދެތިން ފުލުހަކު ޒަޚަމްވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު