ނާޒިމް ފްރޭމްކުރީ ސަރުކާރުގެ އިސްބޭފުޅުން ރާވައިގެން -އިމްރާން
ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދުމަކީ ސަރުކާރުގެ އިސްބޭފުޅުންތަކެއް ރާވައިގެން ހިންގި އަމަލެއް ކަމަށް އަދާލަތުޕާޓީގެ ރައީސް އައްޝައިޚު އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން"ގެ ނަމުގައި ރޭ ބޭއްވި ހިނގާލުން ފެށުމުގެ ކުރިން ދެއްކެވި ވާހަކަގައެވެ.
އޭނާ ވިދާޅުވީ "ކާނަލް ނާޒިމްގެ މައްސަލައަކީ ސީދާ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ރާވައިގެން ހިންގި ކަމެއް" އެކަން ރޭވި މީހުންނާއި ތަންފީޒު ކުރި މީހުންނަކީ ކޮންބައެއްކަން ރައީސް ޔާމީނަށް އެނގި ވަޑައިގަންނަވާ ކަމަށެވެ. އެކަންކުރި މީހުންގެ ބޭނުމަކީ "ދިގުވެގެންވާ ބޮޑު ހުކުމެއް ގެނެސް އެމަނިކުފާނުގެ މުޅި ހަޔާތް ބަރުބާދުކޮށްލައި ނައްތާލުން" ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިިމްރާން ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް މީހުންމެރުމާއި ހަތިޔާރު ގެންގުޅުންފަދަ ކަންކަން ނާޒިމް ނުކުރައްވާނެކަން ޔަގީން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ކާނަލް ނާޒިމް ވެރިކަމަށް ދަހިވެތި ވަޑައިގަންނަވާނެ މިންވަރާއި ނުވާނެ މިންވަރު. ކާނަލް ނާޒިމަކީ ވެރިކަމަށް ދަހިވެތިވެގެން އުޅުއްވާނެ ބޭފުޅެއްނޫން. ކާނަލް ނާޒިމަކީ ގައުމަށް ޚިދުމަތް ކުރެއްވި، ކޮށްދެއްވި ބޭފުޅެއް" ކަމަށެވެ.
ނާޒިމްވަނީ ފްރޭމް ކޮށްފައިކަން ޔަގީންވުމުން އަދާލަތު ޕާޓީގެ ޓީމަކުން ރައީސް ޔާމީނާ ބައްދަލު ކުރައްވައި އެވާހަކަ ރައީސަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"ކާނަލް ނާޒިމްވަނީ ފްރޭމްކުރެވިފައިކަމަށް ހުރިހާގޮތަކުން ކޯޓުގައި ސާބިތުކޮށް ނުދެވުނަސް، ހުރިހާ ގޮތަކުން ކަށަވަރުވާނެ ހެކިތައް އަޅުގަނޑުމެންގެ އަތުގައި އެބަ ހުއްޓޭ. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށްވަނީ ވަރަށް ރަނގަޅަށް މިކަން ވަނީ އެނގިވަޑައިގެންފައޭ. އާދެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެނގިވަޑައިނުގަންނަވައޭ. އެހެންނަމަވެސް ރައީސުލް ޖުމްހޫރިއްޔާއަށް މިކަން އެނގިވަޑައިގަންނަވާކަން އަޅުގަނޑަށް ރަނގަޅަށް އެނގޭނެކަން ޚުދު ރައީސުލް ޖުމްހުރިއްޔާއަށްވެސް އެނގިވަޑައިގަންނަވާނެ،" އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު