ސަރުކާރުންވަނީ މަޝްވަރާގެ އުސޫލު ދޫކޮށްފައި- އެމްޑީޕީ
ރާއީސް ޔާމީންގެ ސަރުކާރުން ވަނީ މަޝްވަރާގެ އުސޫލް ދޫކޮށްލާފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަޙީދު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި މަގުމަތީ ހިނގާލުމުގައި ވާހަކަ ދައްކަވަނުން އޭނާ ވިދާޅުވީ އެމްޑީޕީއާއި، ޖޭޕީ ގުޅިގެން ސަރުކަރަށް ޑިމާންޑް ތަކެއްކުރި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އަދާ ހަމައަށްވެސް ސަރުކާރުން އަހާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ސުލްހައިގެ މޭޒުދޮށަށް އައިސް ދެން ވާހަކަ ދައްކަން ޖެހޭނީ ސަރުކާރަށް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުންވަނީ ރައްޔިތުންނަށް އަނިޔާވެރިވެފައި ކަަމަށެވެ. މަގުމައްޗަށް ނިކުންނަން ޖެހުނީ ސަރުކާރުން ކުރަމުންދާ އަނިޔާ ހުއްޓުމެއްނެތި ކުރިއަށް ގެންދާތީ ކަމަށެވެ. "އަޅުގަނޑުމެން ނިކުންނަން މި ޖެހުނީ އެ އަނިޔާވެރި ކަމާ ދެކޮޅަށް،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރަށް ނުކުރެވިގެން އުޅޭކަމަކީ "ހިތް ދީފައި ހިތް އަތުލުން" ކަމަށެވެ. ރައްޔިތުންގެ ލޯބި ސަރުކާރުން ބޭނުން ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މަގުމައްޗަށް ނިކުމެ ހިންގަމުންދާ ހަރަކާތްތަކަކީ ސުލްހަވެރި ކަމާއެކު ހިންގަމުންދާ ހަރަކާތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެހަރަކާތްތަކުގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ގުޅިފައިވާ ތިން ޕާޓީން ނުހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިރޭގެ ހަރަކާތުގައި އައިޑީޕީވެސް ބައިވެރިވެފައިވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މިރެއަކީ ވަރަށް ޚާއްސަ ރެއެއް ކަމަށެވެ. ކުރިން ތަފާތު ޚިޔާލު ތަކުގައި ތިބި މެންބަރުން އެއްޚިޔާލަކަށް އައިސް އެންމެނާ އެކު ނިކުތް ނިކުތުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް އިސްލާހު ކުރުމަށްޓަކައި ހިންގަމުންދާ ހަރަކާތްތަކުގައި ފުލުހުންނާއި ސިފައިނާ ދިމާކޮށް އެފަދަ ކަމެއްވެސް ކޮށްގެންނުވާނެ ކަމަށެވެ.
ފުލުހުންގެ ތެރޭގައިވެސް ވަރަށް ރަނގަޅު މީހުން އެބަތިބި ކަމަށާއި އެފަދަ މީހުންނަށް އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ކުރާކަމެއްގެ ރަނގަޅު ނަތީޖާ ފެންނާނީ ހިތުގެ ސާފުކަމާއެކު އިޚުލާސްތެރި ކަމާއެކު އެކަމެއް ކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު