ފާއިތުވި ތިންއަހަރު ރަށްރަށަށް 157 ޖަނަރޭޓަރ ފޯރުކޮށްދެވިފައިވޭ-ފެނަކަ
ރާއްޖޭގެ ރަށްރަށަށް ބޭނުންވާ އެކަށީގެންވާ ކެޕޭސިޓީގެ ޖަނަރޭޓަރ ނެތުމާއި، ޑިސްޓްރިބިއުޝަން ނެޓްވޯކެއް ނެތުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަ ލިމިޓެޑުން ބުނެފިއެވެ.
އެމަސައްކަތުގެ ދަށުން 2012 ވަނަ އަަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެކިރަށްރަށަށް 157 ޖެނެރޭޓަރު ފޮނުވާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަރަންޓް ނެޓްވޯކް ވިއުގަ ރަނގަޅު ކުރުމަށްޓަކައި ބައެއް ރަށްރަށަށް ބޭނުންވާ ކޭބަލް ގެނެވި ނެޓް ވޯކް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ. އޭގެ އިތުރަށް ބައެއް ރަށްރަށަށް ބެނުންވާ ކޭބަލާއި ޓްރާންސްފޯމަރ، ސިންކްރޮނައިޒިންގ ޕެނަލް ހޯދުމަށް މިހާރު މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ފެނަކައިން ބުނެފައިވަނީ އަލަށް އާބާދުވާ ސަރަހައްދުތަކަށް ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުން ލަސްވަމުންދާތީ މީހުންގެ ޝަކުވާއިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކަމަށް ބުންޏެވެ. އެފަދަ ޚިދުމަތް ލިބުން ލަސްވަމުންދާއިރު ބައެއް ރަށްރަށުގައި އިންޖީނުގެތައް އެޅިފައިވަނީ އާއްމުން ދިރިއުޅޭ ސަރަހައްދުގައި ކަމުން އިންޖީނުގެއިން އަރާ ދުމާއި އަޑުގެ ސަބަބުން ރައްޔިތުންނަށް އުދަގޫވާތީ އެކަމުގެ ޝަކުވާވެސް ލިބޭކަމަށް އެކުންފުނިން ބުންޏެވެ.
މިމައްސަލަތައް ހައްލު ކުރުމަށް އަލަށް އާބާދުވާ ސަރަހައްދަތަކަށް ކަރަންޓްލުމަށް ބޭނުންވާ މެޓީރިއަލް ހޯދުމާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހަރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ.
ފެނަކައިގެ ދަށުން މިހާރުވެސް ޖުމްލަ 151 އިންޖީނުގެ ހިންގައެވެ. އެހާގިން އިންޖީނުގެތައް ހިންގަމުންދާއިރު ދިމާވެފައިވާ އެންމެ ބޮޑު އެއްމަސަލައަކީ އެކަށީގެންވާ ފެންވަރުގެ ފަންނީ މީހުން ނުލިބުމުގެ މައްސަލައެވެ. އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުންޏެވެ.
އިންޖީނުގެތައް ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ފެނަކައިން ބުނީ އިންޖީނުގެ ހިންގުމަށް ދޫކޮށްފައިވާ ބިމުން ކުލި ނެގުމަށް ބައެއް ކައުންސިލްތަކުން އެދެމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭއިތުރު ތަފްސީލް އެކުންފުނިން ނުދެއެވެ.
ފެނަކައިން ހިންގާ ގިނަ އިންޖީނުގެތައް ހިންގަމުންދަނީ ގެއްލުމުގައި ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. ކުރިން ރަށު ކައުންސިލްތަކާއި އާއްމު ފަރާތްތަކުން ހިންގުމަށްފަހު ފެނަކަ އާއި ހަވާލުކުރެވިފައިވާ އިންޖީނުގެތަކަކީ ވަރަށް ހާލަތުދަށް ތަންތަނަށްވުމުން އެތަންތަނުގެ ފެންވަރު ރަނގަޅުކޮށް އެކަށީގެންވާ ފެންވަރަށް ބަދަލު ކުރުމަކީވެސް އެކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.
ފެނަކައިން ދަނީ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށްޓަކައި ބޮޑު ޚަރަދެއްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ޔުޓިލިޓީޒް ތަކުން ފެނަކައަށް ބަދަލުކުރެވިފައިވާ އިންޖީނުގެތަކުގެ ބަދަލު ހޯދުމަށް އިންޖީނުގޭގެ ވެރިފަރާތްތަކުން ނުވަތަ ރައްޔިތުން އެދެމުން ދިއުމަކީ އެކުންފުންޏަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ކިޔުންތެރިންގެ ހިޔާލު