ޝަރީއަތަށް ހާޒިރުވުމަށް ނަޝީދުގެ ވަކީލުންނަށް އުޒުރުވެރިވުމުން ޝަރީއަތް ފަސްކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައިވާގެ އަށް ވަނަ އަޑުއެހުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ހާޒިރުވުމަށް އުޒުރުވެރިވުމުން މިރޭ ބާއްވަން އޮތް އަޑުއެހުން ކެންސަލްކޮށްފިއެވެ.
ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެވަޑައިގަންވާ ކަމަށް ވިދާޅުވެ ނަޝީދުގެ ވަކީލުން ސޮއިކުރައްވައި ކްރިމިނަލް ކޯޓަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ. އުޒުރުވެރިވާ ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވެފައިވަނީ ދައުލަތުން ހުށަހެޅި ޑޮކިއުމަންޓްތައް ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތެއް ލިބިފައި ނުވުމެވެ.
ރައީސް ނަޝީދު ވަނީ ހެކި ދިރާސާ ކުރުމަށް 15 ދުވަހުގެ މުހުލަތެއް ދެއްވުމަށް އެދިލައްވައިފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ކްރިމިނަލްކޯޓުގެ ބެންޗުން ނިންމާފައިވަނީ ވަކީލުން ދައްކަވާ ސަބަބަކީ މަގުބޫލު ސަބަބެއް ނޫންކަމަށެވެ. އަދި ވަކީލުން ޝަރީއަތުގެ މަޖިލީހަށް ވަޑައިނުގަތީ ޝަރީއަތަށް ހުރަސް އެޅުމަށްތޯ ސާފުކުރުމަށްފަހު އެބޭފުޅުންނާމެދު ފިޔަވަޅު އެޅުމަށް ވެސް ނިންމަވާނެކަމަށް ފަނޑިއާރުންގެ ބެންޗުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު