އެހެން މީހުންއުޅޭ ހިތްވާކަހަލަ ތަނަކަށް ރާއްޖެ ބަދަލުކުރުމުގެ ހިތްވަރު ވިޔަފާރިވެރިންގެ ހުންނަންޖެހޭ-ރައީސް
އެހެން މީހުން ދިރިއުޅެން ބޭނުންވާނެ ފަދަ ތަނަކަށް ރާއްޖެ ބަދަލުކުރުމުގެ ހިތްވަރު ހުރި ބަޔަކަށް ދިވެހި ވިޔަފާރިވެރިން ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި އެލިއާއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ސަރުކާރުގެ ދިވެހިރާއްޖެއެއްނޫން ކަމަށެވެ. މިއީ ހުރިހާ ދިވެހިންގެ ރާއްޖެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރަން އަދި ގޯސްކުރަންތިބީވެސް ދިވެހިންކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަކަންކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އެމަސައްކަތުގައި ކެރުންތެރިކަމަކާއި ޢަޒުމެއް ހުންނަންވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މިކަމަށް މުޅި މުޖުތަމަޢު އެހީތެރިވެދީފިނަމަ ސަރުކާރަށް އެކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް އަހަރު ކަމަށެވެ. އެހެން ކަމުން އެކަމަށް ވިޔަފާރިވެރިން ގުޅިގެން ގެންނަ އެއްވެސް މަޝްރޫޢަކަށް ސަރުކާރުން ނޫނެކޭ ނުދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ކުންފުނިތަކުން، ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށް ކޮންމެވެސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ވިޔަފާރިވެރިންގެ އިޖުތިމާޢީ ޒިންމާއެއް މުޖުތަމަޢުގައި އޮތްކަން ޤަބޫލުކޮށްގެން، މުޖުތަމަޢަށް ކޮންމެވެސް އެއްޗެއް އަނބުރާ ދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނެވިދާނެ ފަދަ ކަންތައްތަކެއް ކުރެވިދާނެތޯ ބެއްލެވުން ކަމަށެވެ. އެމަސައްކަތްތައް ކުރުމުގައި ވިޔަފާރިވެރިންނަށް ފަހިކޮށްދެވޭ ފުރުޞަތަކީ އެންމެ މުހިންމު އެއްކަންތައް ކަމުގައިވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު