ފުދުންތެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އަމާޒު: ރައީސް ޔާމީން

image

މިއަދު ކުރަމުން މިދާ މަސައްކަތަކީ، ދިވެހި ޤައުމު، ފާގަތި، އަމާން މަންޒިލަކަށް ގެންދިޔުމުގެ މަސައްކަތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ދެއްވުމުގެ ގޮތުން، މިއަދު ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ގޮތަކުންވެސް ފުދުންތެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

"އެފަދަ ވެއްޓަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކަކީ، ވަރަށް ހަރުދަނާ ކަމާއެކީގައި ކުރަމުންދާ މަސައްކަތްތަކެއް. މި މަސައްކަތްތައް މިގޮތަށް ކުރަމުން ގެންދާއިރު، ޤައުމުގެ ހަމަޖެހުމަށާއި މަޞްލަޙަތަށް ކޮންމެ ފަރުދަކުވެސް އިސްކަންދޭންޖެހޭނެ. އަދި ޤާނޫނުތައް ނަގަހައްޓައި ދަމަހައްޓަން އިސްކަންދޭންޖެހޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރަކީވެސް، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި ދިނުމުގައި އާ ކުރިއެރުންތަކެއް ހޯދާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ވަރަށްފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެނިގެންދާނެ އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެތަކެއް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ސަރުކާރުން ފަށައިފައިވާ އަމާޒާ ހަމައަށް ވާޞިލުވުމުގައި ގިނަގުނަ ކާމިޔާބީތަކެއް ލިބިގެންދާނެ އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، 2014 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވުނީ %8.5 ގައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދު %10.5 އަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް މިއަހަރުގެ ތެރޭގައި އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔައަހަރު ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ޚިދުމަތުގެ އަގުތައް އިތުރުވި މިންވަރު، ނުވަތަ އިންފްލޭޝަން، ވަނީ އެވްރެޖްކޮށް 2.4% ގައި ހިފެހެއްޓިފައި ކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ ޚަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު ސަރުކާރުގެ ޑެފިސިޓް ވަނީ 2013 ވަނަ އަހަރާ އަޅާބަލާއިރު ކުޑަވެފައި. މިގޮތުން ސަރުކާރުގެ ޑެފިސިޓް ހުރީ 1.6 ބިލިއަން ރުފިޔާގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގެ މަނިޓަރީ ސިޔާސަތު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ބޭންކްތަކުން އެމް.އެމް.އޭ.ގައި ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު، ވަނީ %25 އިން %20 އަށް ދަށްކޮށްފައި ކަމަށެވެ. އަދި ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު އިތުރުކުރުމަށް މިއަށްވުރެ ބޮޑަށް ބާރުއެޅުމުގެ ގޮތުން، އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މިއަހަރުވެސް މިނިމަމް ރިޒަރވް ރިކުޔަރމަންޓް ދަށްކުރުމަށްވަނީ ގަސްތުކޮށްފައިކަމަށާއި، ހަމައެއާއެކު، ޑިޕޮސިޓަރުންގެ ފައިސާ ޙިމާޔަތް ކުރުމުގެ ގޮތުން ޑިޕޮޒިޓް އިންޝުއަރަންސް ސްކީމް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތަޢާރުފު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެފަހުގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 214.7 މިލިއަން އެމެރިކާ ޑޮލަރަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން %6 އަށް ދަށްވާނޭކަމަށް އަންދާޒާކުރެވޭ. 2014 ވަނަ އަހަރަށް ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ 290 މިލިއަން އެމެރިކާ ޑޮލަރު. މިއީ، ޖީޑީޕީގެ ނިސްބަތުން %10،" ރައީސް ވިދާޅުވިއެވެ.

2014 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު އިތުރުވުމާ ގުޅިގެން، ޑޮލަރު ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ޙައްލުކުރެވި، ޑޮލަރު ލިބުމުގެ ދަތިކަން، މާތްﷲގެ ވާގިފުޅާއެކީ މިހާރުވަނީ ފިލާފައި ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ނުހިމެނޭ 24 ފޮރިން އިންވެސްޓްމަންޓް މިހާތަނަށްވަނީ ރަޖިސްޓްރީކޮށްދެވިފައި ކަމަށެވެ. މި އިންވެސްޓްމަންޓުތަކުން ކުރިއަށް އޮތް 5 އަހަރަށް ޖުމްލަ 9.8 ބިލިއަން ރުފިޔާ، ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނެކަމަށް ވަނީ ހުށަހަޅާފައި ކަމަށާއި، މިއީ، ފާއިތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު 100 އިން 70ގެ ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement